26 May 2016, 10:56
ހޮލީވުޑުގެ ކާމިޔާބު ދެ ތަރިން ކަމުގައިވާ ޖޮނީ ޑެޕް އަދި އެމްބާ ހާރޑް ވަރިވާން އުޅޭ ކަމަށް ހަބަރުތައް ބުނެފި އެވެ.
ދެ މީހުން ވަރިވާން އުޅޭކަން މީޑިއާތަކަށް ތިލަވެފައި ވަނީ، އެމެރިކާގެ ކޯޓެއްގައި ވަރިވާން ބޭނުން ކަމަށް ބުނެ އެމްބާ ފައިލް ކޮށްފައިވާ މައްސަލައިގެ ލިޔެކިޔުންތައް ހާމަވުމުންނެވެ.
ޮޖޮނީ ޑެޕްގެ ކައިރިން ވަރިވާން ބޭނުން ކަމަށް ބުނެ ކޯޓަށް ދިޔައީ އެމްބާ އެވެ. އަދި ވަރިވާން ބޭނުންވާ ސަބަބެއް ކަމުގައި ބުނެފައި ވަނީ ދެމީހުންގެ ދެމެދުގައި ހައްލު ނުކުރެވޭ ފަދަ ހިޔާލު ތަފާތުވުންތައް އުފެދިފައި ވުމެވެ.
މިދިޔަ އާދީއްތަ ދުވަހު އެމްބާގެ ފަރާތުން ވަރިވާން ކޯޓަށް ހުށަހަޅާފައި ވާއިރު، ޖޮނީ ޑެޕްގެ މަންމަ މަރުވެފައި ވަނީ އޭގެ ދެ ދުވަސް ކުރިންނެވެ.
އެމްބާ ވަނީ ވަރިއަށް ފަހު ޖޮނީ ޑެޕްގެ ފަރާތުން މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޖޮނީ ޑެޕް ވަނީ، އެމްބާއަށް އެފަދަ އެހީތެރިކަމެއް ބޭނުން ނުވާނެ ކަމަށް ބުނެފަ އެވެ.
ދެމީހުން ކައިވެނިކޮށްފައި ވަނީ 15 މަސް ކުރިންނެވެ. އެ ކައިވެންޏަށް އަދި ކުއްޖަކު ލިބިފައެއް ނުވެ އެވެ.
އުމުރުން 52 އަހަރުގެ ޖޮނީ ޑެޕް އާއި 30 އަހަރުގެ އެމްބާ ބައްދަލުވީ 2011 ވަނަ އަހަރުގެ ރިލީޒް ކުރި "ދަ ރަމް ޑައިރީ"ގެ މަސައްކަތުގެ ތެރެއިންނެވެ.