26 May 2016, 10:56
ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޕާކިސްތާނުގެ ސަރުކާރުގެ އެންމެ ބޮޑު ހަތިޔާރު ކާރުޚާނާއަށް ޒިޔާރަތް ކުރައްވައިފި އެވެ.
ޕާކިސްތާނުގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޕާކިސްތާނުގެ ހުޅަނގު ޕަންޖާބުގައި، އެ ގައުމުގެ ޑިފެންސް ޕްރޮޑަކްޝަން މިނިސްޓްރީން ހިންގާ ޕާކިސްތާން އޯޑްނަންސް ފެކްޓްރީސް (ޕީއޯއެފް) އަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޒިޔާރަތް ކުރެއްވީ އިއްޔެ އެވެ.
މި ޒިޔާރަތުގައި މިނިސްޓަރު އާދަމް ޝަރީފާއި ރާއްޖޭގެ ވަފުދުން ވަނީ، އެތަނުގައި އުފައްދާ ހަތިޔާރުތަކާއި ހަތިޔާރު އުފެއްދުމުގެ ޕްރޮސެސް ބައްލަވައިފަ އެވެ. ޕާކިސްތާނުގެ "ދަ ނޭޝަން" ނޫހުން ރިޕޯޓު ކުރާ ގޮތުގައި، މި ޒިޔާރަތުގައި ރާއްޖެ އިން ވަނީ ޕާކިސްތާން އޯޑްނަންސް ފެކްޓްރީސް އިން އުފައްދާ ހަތިޔާރުތަކާ މެދު ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ.
ޕާކިސްތާން އޯޑްނަންސް ފެކްޓްރީސް އިން ރާއްޖެ އަށް ބޭނުންވާ އަދަދަށާއި ކޮލިޓީ އަށް އަސްކަރީ ހަތިޔާރު އުފައްދައިދެވޭނެ ކަމަށް ޕީއޯއެފް އިން ދިވެހި ވަފުދަށް މައުލޫމާތު ދީފައިވެ އެވެ.
ޕީއޯއެފްގެ ބޯޑުގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް އުމަރު މަހުމޫދު ހަޔާތު ވިދާޅުވި ގޮތުގައި، އެ ޕީއޯއެފް އިން މިހާރު ވެސް، ޕާކިސްތާނުގެ އަސްކަރީ ބޭނުންތަކަށް ފުދޭ މިންވަރުގެ އިތުރުން، ތަފާތު 30 ގައުމަކަށް ހަތިޔާރު އެކްސްޕޯޓު ކުރެ އެވެ. އެތަނުން އުފައްދާ އަސްކަރީ ހަތިޔާރުގެ ތެރޭގައި، ގޮވާ ޒާތުގެ ތަކެއްޗާއި ވަޒަނާއި މޯޓަރާއި ރޮކެޓުގެ އިތުރުން ހަނގުރާމައަށް ދާ އިރު އަޅާ ގިއަރުތައް ހިމެނެ އެވެ.
ޕީއޯއެފްއަކީ، 14 ޑިފެންސް ޕްރޮޑަކްޝަން ޔުނިޓާއި 14 ސަބްސިޑަރީ ކުންފުނީގެ އިތުރުން 26،000 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ، ބޮޑު އަސްކަރީ ކާރުހާނާ ކޮމްޕްލެކްސް އެކެވެ.
ޑިފެންސް މިނިސްޓަރު ޕާކިސްތާނަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ރަހީލް ޝަރީފް ވަނީ ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގޮތުން އޮތް ގުޅުން ވަރުގަދަ ކުރުމަ މެދު މަޝްވަރާ ކުރައްވައިފަ އެވެ.