ޓުވިޓާއަކީ، ޝޯޓް މެސެޖު ސާވިސް ނުވަތަ އެސްއެމްއެސް ނަމޫނާއަކަށް ބަލައިގެން ޑިވެލޮޕް ކޮށްފައިވާ ސޯޝަލް ނެޓްވޯކެކެވެ. އެސްއެސްއެމްއެއްގެ ދިގުމިން ކަމުގައިވާ 140 ކެރެކްޓަރަށް ވުރެ ގިނައިން އެއް ޓުވީޓުގައި ލިޔަން ލާހިކު ކުޅަދާނައެއް ނޫނެވެ. އެއީ ޓުވިޓާ މި ވީހާ ދުވަހު ވެސް އޮތް ގޮތެވެ.

ނަމަވެސް، ޝަކުވާއަކީ، ޓުވިޓާ ޔޫޒަރު ބުނަން ބޭނުންވާ ވާހަކަ، 140 ކެރެކްޓާއިން ރީއްޗަށް ނުބުނެވުމެވެ. ސަބަބެއް ނެތި ވެސް ނޫނެވެ.

އޭގެ ސަބަބަކީ، ޓުވިޓާއަށް ފޮޓޯއެއް ފޮޓޯއެއް ފަދަ އެޓޭޗްމެންޓެއް ލައިފިއްޔާ، ޔޫޒަރަށް ޓުވީޓު ލިޔުމަށް ލިބިފައިވާ 140 ކެރެކްޓާގެ ލިމިޓުން ކެނޑުމެވެ. ސަބަބަކީ، އެ އެޓޭޗްމެންޓެއް ފެންނާނީ ޔޫއާރުއެލް އެއްގެ ގޮތުގަ އެވެ. އެހެންކަމުން، އެ ޔޫއާރުއެލް އަކީ ވެސް ޓުވީޓުގެ ބައެކެވެ. ޔޫއާރުއެލް ލާފައި، ޓުވިޓާ ޔޫޒަރު ފާޅުކުރަން ބޭނުންވާ ޚިޔާލު ލިޔަން ލިބޭ ލިމިޓު ކުޑަ ވަނީ އެވެ.

ދެންވެސް އޮތީ ހަމަ މިފަދަ ޝަކުވާއެކެވެ. ޓުވިޓާގައި އެހެން މީހަކަށް ރިޕްލައިކޮށް ޓުވީޓު ކުރާ ނަމަ، އެ މީހާގެ ޔޫޒާނޭމް އޭގައި ޖަހަން އެބަ ޖެހެ އެވެ. އެކި މީހުންގެ ޔޫޒާނޭމްގެ ދިގުމިން ތަފާތެވެ. އެ އޮންނާނީ އެ ޔޫޒަރެއްގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. ފަނަރަ ކެރެކްޓަރާ ހަމައަށް ދިގު ޔޫޒާނޭމެއް ނެގިދާނެ އެވެ. މައްސަލަ ދިމާވަނީ މިހިސާބުންނެވެ. ޓުވީޓެއްގައި @ ނިޝާން ޖަހާފައި 15 ކެރެކްޓަރުގެ ޔޫޒާނޭމެއް ޖެހުމަށް ފަހު ބުނަން ބޭނުންވާ އެއްޗެއް ޖަހަން ވެއްޖެ ނަމަ، ތިބާއަށް ޓުވީޓު ކުރުމަށް ލިބޭ 140 ކެރެކްޓާއިން 16 ކެރެކްޓާ އެބަ ގެއްލެ އެވެ. މިއީ ކުޑަ ތަންކޮޅެއް ނަމަވެސް، ޓުވިޓާގައި ހަރަކާތްތެރި މީހެއްގެ ނަޒަރުގައި 16 ކެރެކްޓަރަކީ ވެސް، ޓުވީޓަކުން ގެއްލޭނެ ވަރަށް ބޮޑު އެއްޗެކެވެ.

ތިން ވަނަ ކަމެއްވެސް ވެ އެވެ. މީހަކު ޓުވީޓެއްގައި ޓެގު ކުރަން އެދޭ ނަމަ @ ނިޝާން ޖަހާފައި ޔޫޒާނޭމް ޖަހަން ޖެހެ އެވެ. @ ޖަހާފައި ޓުވީޓެއް ފަށައިފި ނަމަ، ތިބާގެ ހުރިހާ ފޮލޮވަރުންނަށް އެ ޓުވީޓު، ޓުވިޓާ ފީޑުން ނުފެނިދާނެ އެވެ. މިކަމަށް ވަގުތީ ހައްލެއްގެ ގޮތުގައި ގިނަ ޓުވިޓާ ޔޫޒަރުން ޓުވީޓު ފަށާއިރު @ ޖެހުމުގެ ކުރިން ފުލްސްޓޮޕެއް ޖަހަ އެވެ.

މި ތިން ކަންތަކަށް ވެސް ޓުވިޓާއިން ހައްލު އެބަ ހުށަހަޅަ އެވެ. ފޮލޮވަރުންނަށް "ރިޕްލައި ޓުވީޓު" ފެންނާނެ ގޮތަށް .@ ޖަހަން ނުޖެހޭ ގޮތް ޓުވިޓާއިން ދާދި އަވަހަށް ހަދައިދޭނެކަން އިއުލާން ކޮށްފި އެވެ. އެ ފީޗާ ތައާރަފު ކުރުމުން، ޓުވީޓު ގިނަ މީހުންނަށް އެކްސްޕޯސްވާނެ އެވެ.

ދެން އޮތް ދެ ކަންތައް ކަމުގައިވާ، ޓުވީޓުކުރާ ފޮޓޯއާއި ވީޑިއޯ ފަދަ މީޑިއާ އެޓޭޗްމެންޓްތަކާއި އެހެން ޓުވިޓާ ޔޫޒަރުންނަށް ކުރާ ރިޕްލައި ޓުވީޓުތަކުގައި އެމީހުންގެ ޔޫޒާނޭމް، ތިބާގެ 140 ކެރެކްޓާ ލިމިޓުގައި ނުހިމެނޭނެ ކަމަށް ޓުވިޓާ އިން ބުނެ އެވެ. މި ފީޗާ ވެސް ދާދި އަވަހަށް ޓުވިޓާއިން ތައާރަފު ކުރާނެ އެވެ.

މިކަން ވުމުން، 140 ކެރެކްޓަރުން މާ ގިނަ ވާހަކަ ދެއްކޭނެ އެވެ. ޓުވިޓާގެ ކެރެކްޓަރު ލިމިޓު 1،000 ކެރެކްޓަރަށް ވެސް ބަދަލު ކުރާ ވާހަކަތަކެއް މި އަހަރު ފެތުރުނު ނަމަވެސް، މިއީ ޓުވިޓާ ބޭނުންކުރާ ގިނަ މީހުން ރުހޭނެ ގޮތެއް ނޫނެވެ. ޓުވިޓާ، ޓުވިޓާއަށް ވަނީ އޭގެ ޚާއްސަކަން ކަމުގައިވާ، 140 ކެރެކްޓަރު ލިމިޓުގެ ސަބަބުންނެވެ. ޖެހޭނީ، ކުޑަ ލިމިޓެއްގެ ތެރޭގައި، ވީހާ ވެސް ގިނަ ވާހަކަ ދައްކައި ޓުވީޓު ކުރާށެވެ.