26 May 2016, 10:35
ދެހާސް ވަނަ އަހަރު އޭޝިޔާ ޕެސިފިކްގެ ރީތީގެ ރާނީކަން ހޯދި ބޮލީވުޑުގެ އެކްޓްރެސް ދިއާ މިރުޒާއަކީ އަބަދުވެސް ލޯބީގެ ފިލްމުތަކުގައި މަޑުމައިތިރި ރޯލުތަކެއް އަދާކޮށްފައިވާ ތަރި އެކެވެ.
ނަމަވެސް ދިއާ މިހާރު މި ވަނީ އާ ކަމެއް ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައި ބިރުވެރި ޑްރާމާއެއްގެ މަސައްކަތް ފަށައިފަ އެވެ.
"ހޮޓް ސްޓާ" އިން އަލަށް ދައްކަން ފެށި ވެބް ސީރީޒް "ޝޮކާސް"ގެ އެޕިސޯޑަކުން ދިއާ ފެންނާނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. ފާރޫގް ކަބީރު ޑައިރެކްޓު ކުރާ އެ ސީރީޒްގައި ދިއާ ފެނިގެން ދާނީ "ދަ ގުޑް ވައިފް"ގެ އެޕިސޯޑުންނެވެ.
އެ ސީރީޒުގައި ދިއާ އަދާކުރާނީ "ސަމައިރާ"ގެ ރޯލެވެ.
"އެކްޓަރެއްގެ ހައިސިއްޔަތުން، އަބަދުވެސް ވަރަށް ހިތްހަމަ ޖެހޭ ކަމެއް އެއީ ތަފާތު ގޮތަކަށް ބަޔަކަށް ވާހަކައެއް ފޯރުކޮށްދިނުމަކީ. ކުރު ފިލްމުތަކަށްވެސް ވަރަށް ޝައުގުވެރިވޭ. އެއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ވާހަކަތަކެއް ނޫނީ މެސެޖެއް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދެވޭތީ،" ދިއާ ބުނެފައިވެ އެވެ.
އުމުރުން 34 އަހަރުގެ ދިއާ ބޮލީވުޑަށް ނުކުތީ 2001 ވަނަ އަހަރު ނުކުތް ފިލްމު "ރެހެނާ ހޭ ތޭރި ދިލް މޭ" އިން ނެވެ. ދިއާގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ލަވް ބްރޭކްއަޕްސް ޒިންދަގީ،" "ލަގޭ ރަހޯ މުންނާ ބާއި" އަދި "ބްލެކްމެއިލް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.
ދިއާ އެންމެ ފަހުން ފެނިގެން ދިޔައީ 2012 ވަނަ އަހަރު ނުކުތް "ޒިންދަގީ ތޭރޭ ނާމް" އިންނެވެ.