26 May 2016, 10:00
ހިމާޔަތް ހޯއްދަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނެވުމަކީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވި 10 ވަރަކަށް އަހަރުގެ ތެރޭގައި ރައްޔިތުންގެ އިޖުތިމާއީ ފޭރާން ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.
"އެއްވެސް މީހަކަށް އިހްތިރާމް ނުކުރުމާއި ޖެހުނުހާ ހަޑިއެއްޗެއް މީހުންނާ ދިމާލަށް ބުނުމާއި ފުލުހުންނާއި ސިފައިންނާ ދިމާލަށް ހަޑިއެއްޗިހި ބުނުމާއި އަލިފާން ރޯކުރުމުގައި ދިޔަ 10 އަހަރު. އެހެންވީމާ އޭނާ ރާއްޖެ ދޫކޮށް އިނގިރޭސިވިލާތުގައި ހުރުމަކީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ނަޝީދު ހިމާޔަތް ހޯއްދަވައިގެން އިނގިރޭސިވިލާތުގައި އުޅުއްވުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެމަނިކުފާނު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އިރު އިގްތިސޯދީ ގޮތުން ވެސް ދައުލަތަށް ގެއްލުންވެފައިވާ ކަމަށެވެ.
"އެހެންވީމާ ވަރަށް ބޮޑު އިކޮނޮމިކް ބެނެފިޓް އަދި އިގްތިސޯދީ ބެނެފިޓް ދައުލަތަށް ލިބޭނެ. އަދި ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމާއި އަރާމު ވެސް ލިބޭނެ. އޭނަ ރާއްޖެ ދޫކޮށްދިޔުން އެއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" އުމަރު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަބަބުން އެމްޑީޕީ ވެސް އެއޮތީ ހުލިވެފައި ކަމަށާއި މިހާރު އެމްޑީޕީގައި ލީޑަރެއް ނެތް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެޕާޓީ ނަގައި ކޮޅަށްޖަހަން ޖެހުނު ވަގުތު އެކަންކުރާނެ މީހަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އުފެދުނީ ފިކުރެއްގެ ގޮތުގައި. އެކަމަކު މުހައްމަދު ނަޝީދާއި އޭނާގެ ބަޔަކު އައިސް އޭތި ނަގައި އެހެން ހުރިހާ އެންމެން ބޭރުކޮށް، ލީޑަރަކު އުފެދޭއިރަށް އެލީޑަރަކު ޕާޓީން ވަކިކޮށް ހެދި. އެހެންކަމުން ޕާޓީ ރެސްކިއު[ހިމާޔަތް] ކުރަންޖެހުނު ގަޑީގައި ރެސްކިއު ކުރަން އަންނާނެ މީހަކު ވެސް ނެތް،" އުމަރު ވިދާޅުވި އެވެ.
ނަޝީދު ވިދާޅު ވަނީ ރާއްޖޭގައި ސިޔާސީ ހިޔާލު ތަފާތުވުންތަކަށް ފުރުސަތު ނެތް ކަމަށާއި އެހެންކަމުން "މިވަގުތަށް" ރާއްޖެ އިން ބޭރުގައި ހުންނަވައިގެން މަސައްކަތްޕުޅު ކުރެއްވުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާ އަކަށެވެ. އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފައި ވަނިކޮށް، ދާދިފަހުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފް ވިދާޅުވީ އިނގިރޭސިވިލާތުން މިހާރު އެމަނިކުފާނަށް ހިމަޔާތްދީފައިވާ ކަމަށެވެ.