19:00


ދެކުނު އޭޝިޔާ ސަރަޙައްދަކީ ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސަރަޙައްދެއް ކަމަށާއި، އެހެން ނަމަވެސް ސަރަޙައްދުގެ ހުރިހާ ޤައުމެއް އެކުއެކީގައި، ކޮނޑާ ކޮނޑު ޖައްސައި މަސައްކަތްކޮށްފިނަމަ، މި ގޮންޖެހުންތައް ފުރުޞަތުތަކަކަށް ހެދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 16 ވަނަ ސާކް ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް އެކަހެރިކޮށް، ސަރަޙައްދުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ސާކަށް އާ ބާރެއްލުމަށް އެދެޤައުމުން ނިންމައި އެކަން ދައްކައިދީފައިވާތީ ވަރަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޤައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަން، ތަފާތު ދާއިރާތަކެއްގައި ކުރިއެރުވުމަށް ޤައުމުތަކުގެ ވެރިން ބޭނުންފުޅުވާ މިންވަރު މިފަހަރުގެ ސާކް ސަމިޓުން ފެނިވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


ސާކް ޤައުމުތަކުގެ މެދުގައި މިވާ އެއްގޮތް ކަންތައްތަކާއި، އިޤްތިޞާދީ އަދި އިންސާނީ ވަސީލަތްތަކުގެ ފުޅާކަމާއި، ވެރިންގެ މެދުގައި އެކުގައި މަސައްކަތް ކުރުމުގެ ރޫޙުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންތައްތަކާއެކީގައި، ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމާއި، ހަމަހަމަ މުޖްތަމަޢުތަކެއް ބިނާކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑު ދައުރެއް މި ސަރަޙައްދު އަދާކުރުންފަދަ ކަންކަން ޙާޞިލު ކުރެއްވިދާނެ ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެހެންނަމަވެސް، މިކަންތައްތައް ޙާޞިލު ކުރެވޭނީ ލިބިފައިމިވާ ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، އަދި ނަތީޖާ ނެރެވޭފަދަ ގޮތަކަށް މަސައްކަތްކޮށްގެން ކަމަށާއި، ސާކް އުފެދުނުތާ 25 އަހަރު ފާހަގަކުރާއިރު މިކަންކަމަށް ވިސްނައި ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


16 ވަނަ ސާކް ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ވިޔަފާރީގެ އެއްބަސްވުމެއްގަޔާއި، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ޚާރިޖީ ވަޒީރުން ސޮއިކުރެއްވި އެވެ. އަދި، 17 ވަނަ ސާކް ސަމިޓްގެ ޤަރާރުވެސް ވަނީ ފާސްކޮށްފަ އެވެ. އަދި އެޤަރާރުގެ ދަށުން 17 ވަނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.


ސާކު ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކުރިން، ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ނުރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، ސަރަޙައްދުގެ އެކިއެކި މައްސަލަތައް ޙައްލުކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ހުށަހެޅުއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.