25 May 2016, 23:29
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް އިންސާފުން އެއްކިބާވެ ވަކި ދިމާލަކަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އަދީބު މިހެން ވިދާޅުވީ ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
އަދީބު އެހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލަތަކެއް އަވަހަށް ނިންމުމަށް ކްރިމިނަލް ކޯޓުން މަސައްކަތް ކުރަމުން އަންނާތީ އެވެ.
ޚިނާޔާތުގައި ބައިވެރިވުމުގެ ދައުވާގައި މިއަދު ހެކި ހުށަހަޅާފައިވާއިރު، އަންނަ ހޮނިހިރު ދުވަހު އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމަށް ހާޒިރުވެވަޑައިގަތުމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖަށް މިއަދު ޗިޓު ހަވާލުކުރުމުން އަދީބު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
އަދީބު ވިދާޅުވީ އެ މައްސަލައަށް ތައްޔާރުވުމަށް މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އޮތްދުވަސްތަކަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް މިމަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފަ އެވެ.
"ދޫނިދޫގައި އަޅުގަނޑު މިހުންނަނީ. ހަފްތާއަކު އެއްފަހަރު ލޯޔަރާ ބައްދަލުވަނީ. އިންސާފުން އެއްކިބާވެ، ވަކި ޑައިރެކްޝަނަކަށް ޝަރީއަތްތައް މިދަނީ،" ހެކިބަސް ނެގުމުގެ ކަންތައް ފުލުފުލުގައި ކުރިއަށް ގެންދާނީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް މިހާރު ދައުވާ އުފުލާފައިވާ ހުރިހާ މައްސަލަތަކެއްގެ ހުކުމް އިއްވަން އުޅޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ކީއްވެތޯ ސުވާލުކޮށްލަން ބޭނުންފުޅުވާ ކަމަށް އަދީބު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަތަކާ ގުޅިގެން ގާޒީ އިބްރާހީމް އަލީ ވިދާޅުވީ އެކަށީގެންވާ އަވަސްމިނެއްގައި ޝަރީއަތްތައް ކުރިއަށްގެންދަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަވަހަށް އަދީބުގެ މައްސަލަތައް ނިންމަން އުޅެނީ އެހެންވެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ކުރިއަށްއޮތީ ރޯދަމަސް ކަމަށާއި އެމަހުގައި މަސައްކަތު ވަގުތުވެސް ކުޑަވާނެ ކަމަށެވެ. އެހެންކަމުން ރޯދަ މަސް އައުމުގެ ކުރިން އަވަހަށް ޝަރީއަތްތައް ހިންގަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދީބުގެ މައްސަލަތައް ވަކިގޮތަކަށް ނިންމަން އެއްވެސް މުއައްސަސާއަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"ޝަރީއަތްތައް ވަކިގޮތަކަށް ގެންދަން އެއްވެސް މުއައްސަސާއަކުން ނުފޫޒެއް އައިފަކައެއް ނެތް،" ގާޒީ އިބްރާހީމް އަލީ ވިދާޅުވި އެވެ.