25 May 2016, 22:59
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔަޒުގެ މައްޗަށް ކުރި ޖެހުމުގެ ކުށުގެ ދައުވާ އަނބުރާ ގެނެސް ގައިގައި އަތްލުމުގެ ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލައިފި އެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރުފަހު 2:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
ފިޔާޒުގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނުގޮވާގޮތަށް ހެދުމަށް ސްޓޭޑިއަމް ސަަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަވަގުތު އެ ސަރަހައްދުގެ މަގުމަތީގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ.
އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ވަކި ހިސާބަކުން ފުލުހުން ވަނީ ފިޔާޒާއި ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިޔަކު ހައްޔަރުކޮށްފަ އެވެ.
އެރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ޖާނަލިސްޓު މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފަ އެވެ.