13 May 2011, 15:26
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހި އަޅާފައި ހުރި ހަތް ޕެކެޓާ އެކު ލ. ގަމުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ލ. ގަން މަތިމަރަދޫ އަވަށާއި ތުނޑީ އަވަށް ބައިކުރި މަގުގެ ސަރަހައްދު އިއްޔެ ފުލުހުން ޕެޓްރޯލް ކުރުމުންދަނިކޮށް، 18 އަހަރު ނުރުފޭ ކުޑަ ކުއްޖަކު މަސްތުވާތަކެތި އަޅާފައިވާ ކަމަށް ބެލެވޭ ޕެކެޓްތަކެއް އެއްލާލި މަންޒަރު ފެނިގެން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައިވާ ހަތް ޕެކެޓް ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްސާ އެކު، އިއްޔެ މެންދުރު 11:00 އެހާކަންހާ އިރު، ފުލުހުން ހައްޔަރު ކުރި ކުއްޖާގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ލ. އަތޮޅުގައި ހިންގާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން އެ އަތޮޅުގައި ގްރޫޕް ހަދައިގެން، ހަރަކާތްތެރިވާ ޒުވާން އުމުރު ފުރައިގެން ކުދިންނަށްގެ ހަރަކާތްތަކަށް ފުލުހުން މިހާރު ދަނީ ފާރަވެރިވަމުންނެވެ. ރާއްޖޭގައި ހިންގާ ސިލްސިލާ މާރާމާރީތަކުގެ ތެރެއިން ފަހުގެ ތާރީހެއްގައި އެންމެ ނުރައްކާތެރި މާރާމާރީތައް ހިންގާފައި ވަނީ ލ. އަތޮޅުގަ އެވެ. އެ ގޮތުން މިދިޔަ މަހު 21 ގައި ގދ. ނަޑެއްލާގެ ޒުވާނެއް ކަމަށްވާ އުމުރުން 23 އަހަރުގެ އަހުމަދު ޝާޒަށް އައްބާސް ލ. އަތޮޅު މާމޭންދޫގައި ހުއްޓައި އޭނާގެ ފަޔަށް ކަތިވަޅިއަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވެ އެވެ. އަދި މި މަހުގެ ފަސް ވަނަ ދުވަހު ގަމު މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، ގަމު ފިހާރައެއްގެ ސޭޓަކަށް އިންދައި އޭނާގެ އަތް ކަނޑިން ޖަހައި ގާތްގަނޑަކަށް ވަނީ ބުރިކޮށްލައިފަ އެވެ.