"އެއްސަހަރެއްގައި"ގެ ނަމުގައި ސަން އިން ރޯދަމަހު ކުރިޔަށް ގެންދާ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ކުރިޔަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ސަން އިން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ.

މި މުބާރާތުގައި ވާދަކުރާން ފޮނުވާ ވާހަކަ ތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ 30 ވާހަކަ ރޯދަ މަހު ސަން އޮންލައިންގައި ޝާއިއު ކުރެވޭނެ އެވެ.

މި މުބާރާތުގައި ބައިވެރިކުރާން ފޮނުވާ ވާހަކަތައް ވާން ޖެހޭނީ މީގެ ކުރީން ޝާއިއުކޮށްފައި ނުވާ ވާހަކަ ތަކަށެވެ. ކޮންމެ ވާހަކައެއްގެ ދިގުމިން ހުންނަން ވާނީ 1200 ބަހާއި 1500 ބަހާ ދެމެދުގަ އެވެ. މުބާރާތުގައި ބައިވެރިކުރާން ވާހަކަތައް ފޮނުވާނީ[email protected]އަށެވެ. ވާހަކަތައް ފޮނުވާނީ މައިކްރޯސޮފްޓް އޮފީސް ވޯޑް ފޯމެޓްގަ އެވެ. ވާހަކަ ފޮނުވާނީ ވާހަކައިގައި ޖަހަން ބޭނުންވާ ފޮޓޯއާ ވެސް އެކުގަ އެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކަށް މާކްސް ދޭނީ ސަން އިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޓީމަކުންނެވެ.

މުބާރާތުގެ އިސް ފަނޑިޔާރު، މުހައްމަދު އާމިރު އަހުމަދު، (ފަރެސް އާމިރު) މިއަދު ވިދާޅުވީ މި މުބާރާތުގައި ތަފާތު ނުވަ ބަޔަކަށް މާކްސް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ، ފެށުމަށް 5 މާކްސް، ވާހަކައިގެ ނަމާއި ވާހަކަ ބިނާކޮށްފައިވާ ގޮތަށް 10 މާކްސް، ވާހަކައިގެ އަމިއްލަވަންތަ ކަމަށް 5 މާކްސް، ހުށަހަޅައިދިނުމަށް 30 މާކްސް، ޝަޚުސިއްޔަތު ހުށަހަޅާފައިވާ ގޮތަށް 5 މާކްސް، އިބާރާތް ކުރުމާއި ބަހުގެ ހަމަތަކަށް 25 މާކްސް، ވާހަކަ ބިނާކޮށްފައިވާ ދުވަސްވަރުގެ ކަންކަމާ ގުޅުންހުރި މިންވަރަށް 5 މާކްސް، ޑައިލޮގަށް 10 މާކްސް އަދި މެސެޖަށް 5 މާކްސް އެވެ. ފަނޑިޔާރުން ދެއްވާ 100 މާކްސް ގެ 70 އިންސައްތަ ފައިނަލު ނަތީޖާ ނެރުމަށް ބޭނުންކުރާނެ އެވެ. އަނެއް 30 ޕަސެންޓް ނެރޭނީ އެސްއެމްއެސް ނަތީޖާއިންނެވެ.

މިދިޔަ ރޯދަ މަހު ބޭއްވި ކުރުވާހަކަ މުބާރާތުން އެއްވަނަ އަށް ހޮވުނީ އަލީ މުނީޒް ލިޔުއްވި "ސުވާލު؟" ވާހަކަ ---

އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވައިލާނީ ރޯދަ މަހު ޝާއިއު ކުރާ ހުރިހާ ކުރުވާހަކަތައް ޝާއިއުކޮށް ނިމުމުންނެވެ. އެ ގޮތުން ވާހަކަތަކަށް އެސްއެމްއެސް ކުރުމަށް 7 ދުވަސް ދެވޭނެ އެވެ. އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވައިލުމުން އެކަން އިއުލާނު ކުރެވޭނެ އެވެ.

މި އަހަރުގެ ކުރުވާހަކަ މުބާރާތުން އެއްވަނަ އަށް ހޮވޭ ވާހަކަ އަކަށް -/10،000 ރުފިޔާ ދެވަނަ އަށް -/7500ރ. އަދި ތިން ވަނަ އަށް -/5000ރ. ދިނުމަށް ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރު ސަން އިން ކުރިޔަށް ގެންދިޔަ "އެއްސަހަރެއްގައި" ގެ ފުރަތަމަ މުބާރާތުގެ އެއްވަނަ ކުރުވާހަކަ އަކަށް ހޮވިފައި ވަނީ އަލީ މުނީޒު އެވެ. ދެވަނަ އަށް ހޮވުނީ ޢާއިޝަތު ހަސަން އަދި ތިން ވަނައަށް ހޮވުނީ އާމިނަތު ފަޒްނާ ރަޝީދު އެވެ.

މި އަހަރު ވެސް އެއްވަނަ އަށް ހޮވޭ ވާހަކަލިޔުންތެރިޔަކަށް ސަން އޮންލައިން އަށް ވާހަކަ ލިޔުމުގެ ފުރުސަތު ދެވޭނެ އެވެ.