25 May 2016, 23:43
ދިރާގު ބްރޯޑްބޭންޑް އިންޓަނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫގެ ތެރެއިން ދިރާގުގެ ފޯޖީ އެލްޓީއީގެ ހިދުމަތް އިތުރު ތިން ރަށަކަށް ތައާރަފްކޮށްފިއެވެ.
އެ ހިދުމަތް އަލަށް ތައާރަފްކޮށްފައި ވަނީ ޅ. ހިންނަވަރު، ނ. ވެލިދޫ އަދި ރ. ދުވާފަރުގައެވެ.
ދިރާގުން މިހާރު މިވަނީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފޯޖީ އެލްޓީއީގެ ހިދުމަތް ފުޅާކޮށްފައެވެ. މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ސަރަހައްތަކަށް އެހިދުމަތް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ.

އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ ތްރީޖީ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.
އެ ތިން ސަރަހައްދަށް ފޯޖީ އެލްޓީއީގެ ހިދުމަތް ލޯންޗްކުރުމާ ގުޅިގެން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވީ، އެތިން ސަރަހައްދަށް ފޯޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގު ފަހުރުވެރިވާ ކަމެއް ކަމަށާއި އެ ތިން ރަށަކީ ވެސް ފޯޖީ އެލްޓީއީގެ ހިދުމަތްވެސް ބޭނުންކުރާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަން ފާހަގަ ކުރާކަމަށެވެ.
އޭގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު ފޯޖީގެ ހިދުމަތް ފުޅާ ކުރައްވަން ރާވާފައިވާކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެކަމަށާއި އެއީ ރަށުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ގަބޫލުކުރާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

ދިރާގު ފޯޖީ ރަސްމީކޮށް ޅ. ހިންނަވަރު، ނ.ވެލިދޫ އަދި ރ.ދުވާފަރަށް ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީ އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އަރުވާފައެވެ.
ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މިޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.