25 May 2016, 16:55
ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިން ދިފާއުވުމަށް މ. ޝުރާމަންޒިލް، ހާމިދު އިސްމާއިލްގެ ފަރާތުން ހެކީގެ ގޮތުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް އާއި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީގެ ނަން ހުށަހަޅައިފި އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އިތުރު ހެކިތަކެއް ވެސް ހާމިދުގެ ފަރާތުން މިއަދު ހުށަހެޅި އެވެ. އެމީހުންގެ ނަންތަކަކީ އަހުމަދު ނިޒާމާއި އަމްޖަދު އިސްމާއީލް އާއި ރިފްއަތު ވާހިދާއި ހުސައިން ޝަރީފް އަދި އަހުމަދު ޝިނާނެވެ.
އެ މައްސަލާގައި ދައުވާ ލިބޭ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅުއްވާފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓެވެ. އަދި ޒިޔަތު މިއަދު ވަނީ އޭނާ ފުލުހުންގެ ތަހުގީގަށް ދެއްވާފައިވާ ބަޔާނަށް އިންކާރު ކުރައްވާފަ އެވެ. ސަބަބެއްގެ ގޮތުގައި ޒިޔަތުގެ ވަކީލު ވިދާޅުވީ އެ ބަޔާނަކީ ވަކިގޮތަކަށް ބަޔާންދީފިނަމަ ގޭބަންދަށް ބަދަލުކުރާނެ ކަމަށް ފުލުހުން ބުނުމުންދެއްވާފައިވާ ބަޔާނަކަށްވާތީ ކަމަށެވެ.
ޝަރީއަތަށް ފެންނަ ނަމަ ޒިޔަތުގެ މައްސަލަ ތަހުގީގު ކުރި ފަރާތް ޝަރީއަތަށް ހާޒިރުކޮށްދެއްވުމަށް ވެސް ދައުލަތުން މިއަދު ވަނީ އެދިފައެވެ.
އެ މައްސަލާގައި ދައުވާ ލިބޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ފަރާތުން ހެކީގެ ގޮތުގައި އެމްއެމްޕީއާރްސީ އާއި މޮންޓަލިއޯން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ވަނީ ހުށަހަޅާފަ އެވެ. އަދި ދެ މީހެއްގެ ނަން ވެސް ވަނީ ދިފާއުގައި ހުށަހަޅުއްވާފަ އެވެ.
އެ ހެކީން ހުށަހެޅުއްވީ މޮންޓަލިއޯން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ އަދީބާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ސާބިތުކުރަން ކަމަށް ސިރާޖު ވިދާޅުވި އެވެ.
ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނުވަ މީހަކު ސިއްރު ހެކީންގެ ގޮތުގައި ހުށަހަޅާފައިވީނަމަވެސް، ދައުލަތުން މިއަދު ވަނީ އެ ހެކިތައް ރިވިއުކުރުމަށްފަހު އަލުން ހުށަހަޅާފަ އެވެ.
ސިއްރު ހެކީގެ ގޮތުގައި ދައުލަތުން މިއަދު ހުށަހަޅާފައި ވަނީ ދެ މީހެކެވެ. އެ ދެ މީހުން ހެކީންގެ ގޮތުގައި ހުށަހެޅީ ހާމިދު ހިމެނޭގޮތަށް 18 މެއި 2014 ވަނަ ދުވަހު އެކުލަވާލާފައިވާ އެސްޓީއޯއަށް ޑޮލަރު ވިއްކުމުގެ އެއްބަސްވުމަކީ މާބިންހުރާ ކުއްޔަށް ދޫކޮށްގެން ލިބުނު ފަސް މިލިއަން ޑޮލަރު "ދޮވުމަށް" މޭސްތިރިކަމުގެ ދަށުން ކޮށްފައިވާ ކަމެއްކަން ސާބިތުކުރުމަށް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޑޮކިއުމެންޓްރީ ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާއިރު، ހާމިދުގެ ބޭންކު އެކައުންޓު ސްޓޭޓްމަންޓާއި އެސްޓީއޯގެ ބޭންކު ސްޓޭޓްމަންޓު ވެސް ދައުލަތުން މިއަދު ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
އެ މައްސަލައިގެ ހެކީންގެ ހެކިބަސް ނެގުން ހޮނިހިރު ދުވަހަށް ތާވަލްކުރުމަށްފަހު، ދިފާއީ ވަކީލުން އެކަމާ ނުރުހުންފާޅު ކުރެއްވުމުން ގާޒީ އިބްރާހީމް އަލީ ވަނީ އެދުވަހުގެ ބާއްވަން ނިންމި އަޑުއެހުން ކެންސަލް ކުރައްވާފަ އެވެ. ނަމަވެސް ވަރަށް އަވަހަށް އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.