25 May 2016, 16:36
ވޮޝިންޓަން (މޭ 25): އެމެރިކާގެ ވޮޝިންޓަންގައި އެގައުމުގެ ރިޕަބްލިކަން ޕާޓީން ބޭއްވި ޕްރައިމަރީ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވުމުން، ޓްރަމްޕްގެ ކެމްޕެއިން ރެލީއެއް ކުރިއަށް ގެންދިޔަ ނިއު މެކްސިކޯގައި ހަމަނުޖެހުންތައް އުފެދިއްޖެ އެވެ.
އިއްޔެ ވޮޝިންޓަންގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމުން ޓްރަމްޕަށް ލިބިވަޑައިގެންނެވި 40 ޑެލިގޭޓުންނަށް ފަހު، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ދެން އޭނާ އަށް ބޭނުން ވަނީ އަށް ޑެލިގޭޓުންނެވެ. އެހެންކަމުން، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ޓްރަމްޕް ވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
ނަމަވެސް، އެނަތީޖާގެ ސަބަބުން އެމެރިކާގެ ބައެއް ރައްޔިތުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. އެގޮތުން، ޓްރަމްޕްގެ ކެމްޕެއިން ރެލީއެއް އޮތް ނިއު މެކްސިކޯ ސްޓޭޓުގައި ޓްރަމްޕާ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާ ދެމެދު ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ ރެލީ ކުރިއަށް ދިޔަ ކޮންވެންޝަން ސެންޓަރު ކައިރީ ހުރި ތަންތަނުގައި ރޯކޮށް، ފުލުހުންގެ އުޅަނދުތަކަށް ހަމަލާދީފަ އެވެ. މުޒާހަރާ ކުރި މީހުން ހުއްޓުވުމަށް ޓަކައި ޕެޕާ ސްޕްރޭ ޖަހައި، އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. (ގާޑިއަން)