25 May 2016, 16:49
އެކިއެކިި ކުޅިވަރުތައް ކުޅުމަށް ހުޅުމާލޭގައި މިހާރު ބޭނުން ކުރަމުން އަންނަ ޕްރެކްޓިސް ދަނޑުގައި އެތުލެޓިކްސް ޓުރެކެއް ތަރައްގީ ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް މެދުވެރިކޮށް ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
ސައިނޯހައިޑްރޯ ކޯޕަރޭޝަނަކީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުގެ އިތުރުން، އާ އޭޕްރަންގެ މަސައްކަތް ކުރި ޗައިނާގެ ކުންފުންޏެވެ.
އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓްރީ އިން ވަނީ އެ މަސައްކަތް ކުރުމަށް އެމްއޭސީއެލްއާ ހަވާލު ކޮށްފަ އެވެ. އެމްއޭސީއެލްއާ ހަވާލު ކުރުމާ އެކު، އެމްއޭސީއެލް އިން ވަނީ އެ މަސައްކަތް ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ.
ހުޅުމާލޭގައި ސިންތަޓިކް ޓްރެކު އެޅުމަށް ޔޫތު މިނިސްޓްރީން އެމްއޭސީއެލްއާ ހަވާލުކުރުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
އެ ދަނޑުގައި އާޅާ ދުވާ ޓްރެކުގެ މަސައްކަތް އެމްއޭސީއެލް މެދުވެރިކޮށް ޗައިނާގެ ސައިނޯހައިޑްރޯ ކޯޕަރޭޝަނާ ހަވާލު ކޮށްފައިވާ އިރު، ދަނޑުގައި ސިޑި ބަރި ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ސިޑި ބަރި ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންނެވެ.
ހަތަރު ސަތޭކަ މީޓަރުގެ އެ ޓްރެކު އެޅުމަށް ސައިނޯހައިޑްރޯ ކޯޕަރޭޝަނާ ހަވާލުކުރީ އެކުންފުންޏަކީ ރާއްޖޭގައި ބޮޑު ދެ މަޝްރޫއެއް ކާމިޔާބުކަމާ އެކު ނިންމައި ރާއްޖޭގެ މާހައުލުގައި މަސައްކަތް ކުރުމަށް ހޭނިފައިވާ، އަދި މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ރާއްޖޭގައި މިވަގުތު ގެންގުޅޭ ކުންފުންޏެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވި އެވެ.
"ފަންސަވީސް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ކޮށްފައިވާ ފަރާތެއް މިއީ. ވަގުތުން މޮބިލައިޒް ކުރެވޭ ހާލަތެއްގައި ހުރި ފަރާތެއް އެއީ. އެއާޕޯޓުގެ މަސައްކަތްތައް ނިމި، ވަގުތުން މަސައްކަތް ފެށޭނެ ހާލަތެއްގައި ކުންފުނި ހުރީ،" އާދިލް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ގިނަ ފަރާތްތަކަކާ ވާހަކަ ދައްކަމުން ދިޔަ ކަމަށާއި ނަމަވެސް ކޮންމެ ފަރާތަކުން ވެސް ބުނީ މަސައްކަތް ކުރުމަށް ބަޔަކު އަންނަން ޖެހޭ ނަމަ މަޝްރޫއުގެ އަގު ވަރަށް ބޮޑުވާނެ ކަމަށެވެ.
ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރާއި އެމްއޭސީއެލް އެމްޑީ އާދިލް މޫސާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
އެހެންކަމުން، ރާއްޖޭގައި އިކުއިޕްމެންޓް މޮބިލައިޒް ކުރެވިފައިވާ ސައިނޯހައިޑްރޯ ކޯޕަރޭޝަނާ މަޝްރޫއު ހިންގުމަށް، އެމްއޭސީއެލް މެދުވެރިކޮށް ހަވާލު ކުރީ ކަމަށާއި އެކަން އެގޮތަށް ކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގައި އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން ސަރުކާރަށް އިރުޝާދު ދިން ކަމަށް ވެސް ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވި އެވެ.
ސިންތަޓިކް ޓްރެކުގެ މަސައްކަތް ކުރުމަށް ދީފައި ވަނީ 90 ދުވަހުގެ މުއްދަތެކެވެ. އަދި އެއަށް ފަހު، އެތަނުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ޔޫތު މިނިސްޓަރު ޒުހޫރު ވިދާޅުވީ، މި މަޝްރޫއަށް ޚަރަދު ކުރަނީ ސީދާ ސަރުކާރުގެ ބަޖެޓުން ކަމަށެވެ. އަދި ޓާފް އެޅުމުގެ މަސައްކަތަށް، އެމްއޭސީއެލްގެ ސީއެސްއާރު ބަޖެޓުން 20،000 ޑޮލަރުގެ އެހީތެރިކަމެއް ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެމްޑީ ވިދާޅުވި ގޮތުގައި، އެމްއޭސީއެލްގެ ސީއެސްއާރު ބަޖެޓުން ހޭދަކުރަނީ، ދަނޑުގައި އަޅާ ޓާފްއަށް ހޭދަވާ ޚަރަދުގެ ދެބައިކުޅަ އެއްބަ އެވެ.