އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީ ކުރުމަށް މ. ހަސްތީ އަހްމަދު ޚަލީލާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމްއެމްޕީއާރުސީ އިން އެ ރަށް ވިއްކާފައިވާ ދެކުންފުނީގެ ތެރެއިން އެއްކުންފުނިން މައްސަލާގައި ތަދައްހުލުވެއްޖެ އެވެ.

ހަލީލަށް އެރަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ސިވިލް ކޯޓުން ސަރުކާރަށް އަންގާފައިވަނިކޮށް އެމްއެމްޕީއާރުސީ އިން ވަނީ އޮޅުވާލައިގެން 2015 ވަނަ އަހަރު ދެ ކުންފުންޏަކަށް އެރަށް ވިއްކާފައި ކަމަށް އޭސީސީ އިން ހާމަކުރި އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި އެދެ ކުންފުނީގެ އަތުން ކޮންމެ ކުންފުންޏަކުން އެއް މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އިސްތިއުނާފުކުރުމަށް ދީފައިވާ މުއްދަތު ހަމަވިފަހުން ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ދެ ކުންފުނީގެ ތެރެއިން އެއް ކުންފުނިން ވަނީ އެ މައްސަލާގައި ތަދައްހުލުވެފަ އެވެ. މިއަދު އޮތް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ތަދައްހުލުވި އެމްއެޗްއެމްއައިގެ ފަރާތުން ތަދައްހުލްވެފައި ވަނީ ފުށިދިއްގާ ގަތުމަށް އެމްއެމްޕީއާރުސީ އަށް އެކުންފުނިން އެއް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އެކިކަންކަމަށް ފަސް ލައްކަ ޑޮލަރު ހަރަދުވެފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ހަލީލާ އެކު ފުށިދިއްގާގެ އެއްބަސްވުމުގައި ސޮއިކުރަން ސަރުކާރަށް އަންގައި މިދިިޔަ އަހަރު ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ސީއެސްއާރް މަޝްރޫއާ އެކު ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލުމަށް 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އެކުލަވާލި އުސޫލާއެއްގޮތްވާ ގޮތުގެމަތިން އދ. ފުށިދިއްގާގައި ރިސޯޓެއް ތަރައްގީކުރަން އަހްމަދު ޚަލީލު ހުށަހެޅުމުން ސަރުކާރުން އެކަން ގަބޫލުކުރިކަން 2011 ޑިސެމްބަރު އަށް ވަނަ ދުވަހު ސިޓީއަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އެ ސިޓީއާ އެކު އަހްމަދު ޚަލީލަށް ފޮނުވި އެގްރީމެންޓުގައި ސޮއިކުރަން އެއްބަސްވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން އޭނާ ގަބޫލުކޮށް އެކަން ސަރުކާރަށް އެންގުމުން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އުފެދި ބަނދެވިފައި ވިޔަސް މިއަދާ ހަމައަށް ވެސް ސަރުކާރުން އެ އެއްބަސްވުމަށް އަމަލުނުކުރާކަން ޝަރީއަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށް އެ ހުކުމްގައިވެ އެވެ.

ޝަރީއަތަށް ހުށަހެޅިފައިވާ ކަންތައްތަކާއި ކުރިން އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ރިއާޔަތްކުރާ އިރު އެގްރީމެންޓުގައިވާ އެއްވެސް ޝަރުތަކާ މެދު އަހްމަދު ޚަލީލު ޚިލާފުވެފައިވާކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެހެންކަމުން ސަރުކާރާއި އަހްމަދު ޚަލިލާ ދެމެދު ކޮށްފައިވާ "އދ. ފުށިދިއްގާ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ހަވާލުކުރުމުގެ ޝަރުތުތަކަށް އެއްބަސްވާކަމުގެ އެގްރީމެންޓް" އަށް އިޙްތިރާމްކޮށް އެ އެގްރީމެންޓާ އެއްގޮތަށް އަމަލުކޮށް އެ އެގްރީމެންޓު ތަންފީޒުކުރުމަށް ސަރުކާރުގެ މައްޗަށް ވަނީ އަންގައި ހުކުމް ކޮށްފަ އެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ އިސް ފަނޑިޔާރުކަން ކުރެއްވި އެމައްސަލައިގެ ބެންޗުގައި ދެންތިއްބެވީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އެވެ.