25 May 2016, 16:18
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކި ގޮތެއް އަންގަންދެން އެ ކްލަބުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ވައިސް ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ސަސްޕެންޑް ކޮށްފި އެވެ.
އެކަން އަންގާ ނިއު ރޭޑިއެންޓުން މިއަދު ރިލޭ އަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކްލަބުން ރިލޭއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޓީމުގެ ފަރިތަކުރުންތަކާއި އޭނާ ބައިވެރިވަމުން ނުދާ ކަމަށާއި އަދި ޓީމްގެ އެހެން ކުޅުންތެރިން ވެސް ޓީމުގެ ފަރިތަކުރުންތަކަށް ދިއުމަށް ރިލޭ ހުރަށް އަޅާ ކަމަށް ބުނެފައިވެއެވެ.
ރިލޭގެ ސަސްޕެންޝަނާ ގުޅޭ ގޮތުން 'ސަން' އަށް ދިން އިންޓަވިއެއްގައި ނިއު ރޭޑިއަންޓްގެ ޖެނަރަލް ސެކެޓްރީ އަލީ ޝަމީމް ވިދާޅުވީ ކުލަބުން އެކި ދުވަސް މަތިން ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަން ބަލައިގަނެފައިނުވާތީ ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ.
ލީގްގައި އެންމެ ފަހުން ނިއު ރޭޑިއަންޓުން ބީޖީއާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވަމަށް ބޭއްވި ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ކުޅުންތެރިން ވަނީ ފަރިތަކުރުންތަކަށް ދިއުމަށް ދެކޮޅު ހަދާފައެވެ.
އަދި ޖެހިގެން އައި ދުވަހު ކްލަބާއި ކުޅުންތެރިންނާ ދެމެދު އެއް ބަސްވުމަކަށް އައިސް މުސާރައިގެ މައްސަލަ ހައްލުކޮށް ހުރިހާ ކުޅުންތެރިން ވެސް ވަނީ ފަރިތަކުރުތަކުގައި ބައިވެރިވާން ފަށައިފައެވެ.
"މިއީ އެއްވެސް ގޮތެއްގައި އެންމެ ފަހުން ކުޅުންތެރިންނާ ދެމެދު ޖެހުނު މައްސަލަތަކުގެ ސަބަބުން އެޅި ފިޔަވަޅެއް ނޫން. މިއީ ވަރަށް ކުރީން ފެށިގެން ރިލޭގެ ފަރާތުން ފެންނަ އަމަލު ތަކުގެ ސަބަބުން އަޅަން ޖެހުނު ފިޔަވަޅެއް،" ސަމީމް ވިދާޅުވިއެވެ.