ޕިޝާވަރު : މިއަދު ހެނދުނު ޕާކިސްތާނުގެ ޕިޝާވަރުގައި ހިންގި ބޮންގޮއްވުމުގެ ދެ ޙަމަލާއެއްގައި 80 އެއްހާމީހުން މަރުވެ 140 މީހަކު ޒަޚަމްވެއްޖެވެ.

ދެމީހަކު ޖާނުގޮއްވާލައިގެން ދިން މިހަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ. މިޖަމާއަތުގެ ތަރްޖަމާނެއް ކަމަށްވާ އިހްސާނުﷲ އިޙްސާން، އެޖެންސީ ފްރާންސް ޕްރެސް އަށް ފޯނުކުރައްވައި އެއީ އުސާމާބިންލާދިން މަރާލުމުގެ ޙަމަލާއަށް ބަދަލުހިފުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ބަދަލުހިފުމުގެ ސިލްސިލާ ޙަމަލާތަކުގެ ތެރޭން ހަމަލާއެއް ކަމަށް ވިދާޅުވެފައިވާ ކަމަށް އެއެޖެންސީ ބުނެއެވެ.

ޖާނުގޮއްވާލައިގެން ދިން މިދެޙަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ތަމްރީންކުރާ މަރުކަޒަކަށް ކަމަށް ޕާކިސްތާނުން ބުނެއެވެ. މިދެހަމަލާ ދީފައިވަނީ އުސާމާ ބިންލާދިން އަވަހާރަކޮށްލިކަމަށް އެމެރިކާ ބުނިތާ 11 ދުވަސްފަހުންނެވެ.

އުސާމާ ބިންލާދިން އަވަހާރަކޮށްލި ކަމަށް އެމެރިކާ ބުނުމަށްފަހުވެސް ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާ ދެމުންގެންދާ ވައިގެ ހަމަލާތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

މިގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަޒީރުސްތާނަށް އެމެރިކާގެ މަތިންދާބޯޓަކުން ދިން ޙަމަލާތަކެއްގައި ޢާންމުންގެ ދެމީހަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. (އެޖެންސީ ފްރާންސް ޕްރެސް)