25 May 2016, 17:44
މޫސުން ދިރާސާކުރާ މީހުން ނުވަތަ މީޓިއޮރޮލޮޖިސްޓަކަށް ވުމަށް ޝައުގުވެރިވާ ފަރާރްތަތަކަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން ތިން ސްކޮލޮޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.
މެޓް އޮފީހުގެ ސްޓާފް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އިއުލާންކޮށްފައިވަނީ، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ، އެޑްވާންސްޑް މީޓިއޮލޮޖިކަލް ޓްރެއިނިން ކޯހެކެވެ.
މިއަހަރުގެ ތެރޭގައި ފަށާ، އެއް އަހަރުގެ މުއްދަތުގެ އެ ކޯހަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، އިންޑިއާ އާއި ގަތަރު ގެ އިތުރުން އޮސްޓްރޭލިއާ އަދި ކެންޔާ އިންނެވެ.
މެޓް އޮފީހުން ބުނީ، އެ ކޯހުގެ ޝަރުތަކީ ކުރިމަތިލާ ކޯހަކާ ގުޅޭ ދާއިރާތައް ކަމަށްވާ، މެތެމެޓިކްސް އާއި ފިޒިކްސްގެ އިތުރުން އެންވަޔަރަންމަންޓަންލް ސައިންސް އާއި އެޓް މޮސްފެރިކް ސައިންސް އަދި ކުލައިމެޓޮލޮޖީ އިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން ކަމަށެވެ.
މެޓް އޮފީހުން ހުޅުވާލި އެ ފުރުސަތުގައި ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު މެޓް އޮފީހުގައި ވަޒީފާ އަދާކުރުމަށް ބޮންޑް ކުރެވޭނެއެވެ. އަދި ކޯސް ނިންމައި ސެޓްފިކެޓް ހާސިލް ކުރުމުން ވަޒީފާ އަދާކުރަންޖެހޭނީ ހުޅުލޭގައި ހުންނަ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުގައެވެ.
މެޓް އޮފީހުން ބުނީ، ކޯސް ފުރިހަމަ ކޮށް ސެޓްފިކެޓް ހާސިލް ކުރުމަށްފަހު އެކްރެޑިޓްކޮށް ހުށަހެޅުމުން މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާ ހަމަޖައްސައި ދެވޭނެ ކަމަށެވެ.
މީޓިއޮރޮލޮޖިސްޓެއްގެ ވަޒީފާގައި މުސާރަ އާއި އިނާޔާތުގެ ގޮތުގައި ގާތްގަޑަކަށް މަހަކު 26،000 ރުފިޔާ ދެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ފުރުސަތު ހުޅުވާލާފައިވާ އެ ސްކޮލޮޝިޕް ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ޕްލޭނިން ސެކްޝަނަށެވެ.