ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް، ލަންޑަން ގެ ފަރާތުން ދޭ "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް އިންޑިއަން އޯޝަން 2016" އެވޯޑު ރާއްޖޭގެ ގައުމީ ބޭންކު، ބީއެމްއެލް އަށް ލިބިއްޖެ އެވެ.

ކެޕިޓަލް ފައިނޭންސް އިންޓަރނޭޝަނަލް އަކީ ވިޔަފާރި، އިގްތޮޞާދީ އަދި މާލީ ހަބަރުތައް ގެނެސްދޭ ޕްރިންޓް އަދި އޮންލައިން ނޫހެކެވެ. އެ ނޫހުގެ މައި މަރުކަޒު ހުންނަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

އެ އެވޯޑްތައް ލިބުނު އެހެން ބޭންކުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންކުތައް ކަމުގައިވާ ޔޫބީއެސް، ބީއެންވައި މެލަން އަދި ކޮމާރޒްބޭންކް ހިމެނެ އެވެ.

ބީއެމްއެލްގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ އާއި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން އާއި ރީޓެއިލް ބޭންކިން ޑައިރެކްޓަރު މުހައްމަދު ޝަރީފު އެވެ.

ބީއެމްއެލް އިން ބުނީ އެންމެ އީޖާދީ ބޭންކުތަކުގެ ތެރޭގައި އެ ބޭންކު ހިމެނި އެވޯޑު ލިބިފައި ވަނީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ބޭންކިންގ ހިދުމަތް ދިނުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އަތޮޅު ތެރޭގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އޭގެ އިތުރުން ބީއެމްއެލް އިން ތައާރަފު ކުރި ރާއްޖޭގެ ފުރަތަމަ މޯބައިލް ބޭންކިން އެޕްލިކޭޝަނާއި ސެލްފްސާވިސް ބޭންކިން އޭޓީއެމް ތައާރަފު ކުރުމާ ގުޅިގެން މުޅި ރާއްޖޭގައި ވެސް ލުއި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެވޯޑުގެ ފަނޑިޔާރުންގެ ޕެނަލުން ބުނި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އަދި އެ ބޭންކުން ފުރިހަމަކަމާއެކު ކުރިއަށް ގެންދާ ދޯނި ބޭންކިން ހިދުމަތަށާއި ދާދި ފަހުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުން ތައާރަފު ކުރި ކޭޝް އެޖެންޓް ހިދުމަތަށް ފަނޑިޔާރުން ތައުރީފު ކުރި ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

ބޭންކަށް އެވޯޑު ލިބުމާ ގުޅިގެން އެންޑްރޫ ހީލީ ވިދާޅުވީ، އެ އެވޯޑު ލިބުނީތީ ފަހުރުވެރިވާ ކަމަށާއި ބޭންކުގެ އަމާޒަކީ އިންވެސްޓްމަންޓް އިތުރަށް ކުރިއަށް ގެންގޮސް މިއަހަރު ފަހުބައިގައި އިތުރު ފަސް ބްރާންޗާއި އަށް ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވުން ކަމަށެވެ.

"އަދި އާ ޕްރޮޑަކްޓްތަކާއި ހިދުމަތްތައްވެސް ތައާރަފްކުރުމަށްވަނީ ރޭވިފައި،" އެންޑްރޫ ވިދާޅުވި އެވެ.