25 May 2016, 15:20
ރާއްޖޭގެ މާކެޓުގައި ވިއްކަންހުރި ލެގޯ ބްރޭންޑްގެ "އިޓާލިއަން ޗިކަން ސްކޮލަޕީނީ" ކިޔާ ސޯސްގައި ރާހުރިކަން ޔަގީންވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، “ވައިޓް ވައިން" ހުރިކަމަށް ޝައްކުކުރެވުނު ސޯސްގައި ރާ ހުރިކަން ޔަގީން ކުރެވިފައިވާއިރު އެސޯސްތަކުގެ ތެރެއިން 90 ޕަސެންޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިހާތަނަށް އެތެރެކޮށްފައިވަނީ އެވައްތަރުގެ އެއް ޝިޕްމެންޓްކަމަށާއި އެތަކެތި އަތޮޅުތެއަށް ވިއްކަން ފޮނުވާފައިހުރިތޯ ބެލުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޔާޒު ވިދާޅުވިއެވެ.
އެފަދަ ތަކެތި ރާއްޖެ އެތެރެކުރެވެނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނިޔާޒު ވިދާޅުވީ ވަކިވަކި ޕުރޮޑަކްޓްތައް ބަލައިފާސް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ފެންމަތިވަމުން އަންނާތީ އިތުރަށް ސަމާލުކަން ދީގެން އެކަންކަން ބަލަމުންގެންދާނެ ކަމަށެވެ.
އެކަމާއި ގުޅިގެން ފުޑް އެންޑް ޑުރަގް އޮތޯރިޓީގެ ބަހެއް އަދިވަނީ ލިބޭގޮތްނުވެފައެވެ.