25 May 2016, 15:07
ބްރަސެލްސް (މޭ 25): ދަރަނިވެރިވެފައިވާ ގްރީސްގެ އިގުތިސާދު ފުޑުފުޑުވިޔަ ނުދިނުމަށް ޓަކައި އެގައުމަށް 11.5 ބިލިއަން ޑޮލަރުގެ ލޯނު ދޭން ޔޫރޯގްރޫޕުން އެއްބަސްވެއްޖެ އެވެ.
އާއްމުކޮށް ބޭނުން ކުރާ ފައިސާގެ ގޮތުގައި ޔޫރޯ ބޭނުން ކުރާ 19 ގައުމު ނިސްބަތްވާ ޔޫރޯގްރޫޕުގެ ފިނޭންސް މިނިސްޓަރުން ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ރޭ ބޭއްވި ބައްދަލުވުމަށް ފަހު، ގްރީސްއަށް ލޯނު ދޭން ނިންމުމުގެ އިތުރުން އެ ޖަމާއަތުން ވަނީ ކުރިއަށް އޮތް ތަނުގައި ގްރީސްގެ ދަރަނި ލުއި ކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ.
ޔޫރޯގްރޫޕުގެ ޗެއާމަން އަދި ނެދަލެންޑުގެ ފިނޭންސް މިނިސްޓަރު، ޖެރޮން ޑައިޖެސްލޮބްލޮމް ވަނީ އެނިންމުމާ އެކު ގްރީސްގެ ދަރަނި އަދާ ކުރުމުގައި އެހީތެރިވުމުގައި އާހަރުފަތަކަށް ވާސިލު ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ޔޫރޯގްރޫޕުން ގްރީސް އަށް ލޯނު ދޭން ނިންމާފައި ވަނީ އެގައުމުގެ ބަޖެޓު ކުޑަ ކުރުމަށާއި ޓެކްސް ދައްކަން ޖެހޭ މިންވަރު އިތުރު ކުރުމަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރިތާ ދެދުވަސް ފަހުންނެވެ. ގްރީސްގެ ގިނަ ރައްޔިތުން ސަރުކާރުގެ އެނިންމުމާ ދެކޮޅު ހެދި ނަމަވެސް، ޔޫރަޕިއަން ސެންޓްރަލް ބޭންކު (އީސީބީ) އާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އަށް އެގައުމުން މިއަންނަ ޖުލައި މަހު އަދާ ކުރަން ޖެހޭ ދަރަނި އަދާ ކުރުމަށް ޓަކައި އެގައުމަށް ވަނީ އެފަދައިން އަމަލު ކުރަން މަޖުބޫރުވެފަ އެވެ. (ބީބީސީ)