އަވަށްޓެރި ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރުން ހިންގި ޕްރޮގްރާމަށް ލިބުނު ތަކެތި، ހަދިޔާކޮށްފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ނުވަތަ ސޯސަންވިލާ ހިންގެވުމާ ހަވާލުވެ ހުންނެވި، ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަބްދުއް ރަޝީދު އާދަމް ވިދާޅުވީ، މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހިންގި އެ ޕްރޮގްރާމަށް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބުނު ކަމަށެވެ.

އެގޮތުން، ފައިސާގެ އިތުރުން ކާޑުގެ ބާވަތްތަކާއި ކާނާ އާއި ރީތިވާ ސާމާނުގެ އިތުރުން އަންނައުނު ވެސް އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރުން ހިންގި އެހީގެ ޕްރޮގްރާމަށް ލިބުނު ތަކެތި ހާލުގައި ޖެހިފައިތިބި ލަންކާގެ ރައްޔިތުން ތިބި ސެންޓަރަށް އެމްއީސީސީގެ ފަރާތުން ހަދިޔާކުރަނީ --- ފޮޓޯ/ އެމްއީސީސީ

ލަންކާގައި ހަރަކާތްތެރިވާ މުސްލިމް ޖަމާއަތެއް ކަމަށްވާ ޖަމިއްޔަތުއް އުލަމާއާ ހަވާލުކޮށްގެން އެހީގެ ގޮތުގައި ލިބުނު ތަކެތި އިއްޔެ ހަދިޔާކޮށްފައި ވަނީ، ހާލުގައި ޖެހިގެން ކޮލަންބޯ 12 ގައި ހުންނަ ފާތިމާ މުސްލިމް ލޭޑީސް ކޮލެޖުގައި ވަގުތީ ގޮތުން ލިބި 12 އާއިލާއަކަށެވެ.

އެ ސެންޓަރުގައި ލަންކާގެ އަށް ސަރަހައްދަކުން ބޯހިޔާވަހިކަން ހޯދަމުންދާ 126 މީހުން ތިބި ކަމަށްވެ އެވެ.

އަބްދުއް ރަޝީދު ވިދާޅުވީ، ފައިސާގެ ގޮތުގައި ލިބުނު 82760 ސްރީލަންކާ ރުޕީސް އާއި 500 އިންޑިއަން ރުޕީސް އަށް ތަކެތި ގަތުމަށްފަހު، ހަދިޔާކުރަން ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އެތަކެތި ގަތުމަށްފަހު އަންނަ ހުކުރު ދުވަހު ސެންޓަރަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރުން ހިންގި އެހީގެ ޕްރޮގްރާމަށް ލިބުނު ތަކެތި ހާލުގައި ޖެހިފައިތިބި ލަންކާގެ ރައްޔިތުން ފޮނުވަނީ --- ފޮޓޯ/ އެމްއީސީސީ

ރާއްޖޭގައި ހުންނަ ދިވެހިންގެ ސެންޓަރުން ލަންކާގެ ރައްޔިތުންނަށް ތަކެތި ހަދިޔާކޮށްފައިވާއިރު، ދިވެހި ސަރުކާރުންވަނީ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލަންކާގެ ސަރުކާރަށް ރަމްޒީ އެހީއެއް މިދިޔަ ހޯމަ ދުވަހު ހަވާލުކޮށްފައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އިން ލަންކާ އަށް ވެދެނީ 35،000 ޑޮލަރު (539،700 ރުފިޔާ) އެވެ.

ލަންކާ ސަރުކާރުން ބުނާގޮތުން، ލަންކާއަށް މިދިޔަ ހަފްތާ ތެރޭގައި ކުރި ވިއްސާރައިގާ ބޯކޮށްވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 92 މީހުން މަރުވެފައިވާއިރު، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގާތްގަނޑަކަށް 109 މީހުން ވަޅުލެވިފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ.

މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން 350،000 މީހުން އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ބައެއް މީހުން އެނބުރި ގެތަކަށް އަންނަމުންދާ ކަމަށް އެގައުމުން ބުނެއެވެ.