ހޯޒޭ މޮރީނިއޯ އަކީ ރަނގަޅު އަދި މޮޅު ކޯޗެއް ކަމަށާއި އެހެން ނަމަވެސް، ލުއިސް ވެން ހާލްގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް މޮރީނިއޯ ކަމުނުދާކަމަށް ޔުނައިޓެޑްގެ ކުރީގެ ލެޖެންޑް އެރިކް ކެންޓޯނާ ބުނެފިއެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން އިނގިރޭސި އެފްއޭކަޕް 12 ވަނަ ފަހަރަށް އުފުލައިލިތާ ދެދުވަސް ފަހުން އެޓީމުން ވަނީ، ވެން ހާލް ކޯޗުކަމުން ބޭރުކޮށްފައެވެ.

ސަރ އެލެކްސް ފާގަސަން ޔުނައިޓެޑާއެކު ހޯދާފައިވާ ކާމިޔާބީތައް އަލުން ތަކުރާރުކުރުމަށް އެ ކްލަބުން ފެންބޮވައިގެންފައިވާއިރު، ވެން ހާލްގެ ބަދަލުގައި އެޓީމުގެ ކޯޗަކަށް ހަމަޖައްސާނޭކަމަށް މިހާރު އެންމެ ބޮޑަށް ބެލެވެނީ ޗެލްސީއާ އެކު އިނގިރޭސި ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވާ އަދި އޭރު ޔުނައިޓެޑަށް އިންތިހާއަށް ފާޑުކިޔަމުން ދިޔަ ޕޯޗްގީޒް ކޯޗު މޮރީނިއޯ އެވެ.

ލުއިސް ވެން ހާލް އާއި ހޯޒޭ މޮރީނިއޯ، 2014 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް. ވެން ހާލަށް ފަހު ޔުނައިޓެޑާ ހަވާލުވާނޭ ކަމަށް ބެލެވެނީ މޮރީނިއޯ -- ފޮޓޯ: ބީބީސީ

އިނގިރޭސި ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަދި އެންމެ ދުވަސްވީ އެއް ކްލަބް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަށް ލުއިސް ވެން ހާލްގެ އިރުޝާދުގެ ދަށުން މިފަހަރުގެ އެފްއޭ ކަޕް ފިޔަވައި ރަނގަޅު ކާމިޔާބީއެއް ހޯދިފައި ނުވާއިރު، އޭނާ ގެންގުޅޭ ކުޅުމުގެ ސްޓައިލާއި ފިލޯސަފީއާ މެދު ޔުނައިޓެޑްގެ ސަޕޯޓަރުން އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ ކަމަށްވެއެވެ.

"އަހަންނަށް މޮރީނިއޯ ކަމުދޭ، އެކަމަކު އޭނަ ގެންގުޅޭ ފުޓްބޯޅަ ސްޓައިލަށް ބަލާއިރު މެންޗެސްޓާ ޔުނަައިޓެޑަކާ އެއްގޮތަކަށް ވެސް ނުގުޅޭ،" 90ގެ މެދުތެރޭގެ އަހަރު ތަކުގައި ޔުނައިޓެޑަށް ހަތަރު ފަހަރު ލީގު ކާމިޔާބުކޮށްދިނުމުގައި އެހީތެރިވި އޭރުގެ ހުނަރު ވެރި ފޯވާޑް އަދި އެޓީމުގެ ކެޕްޓަން ކެންޓޯނާ ދަ ގާޑިއަންއަށް ބުންޏެވެ.

ކެންޓޯނާ ބުނީ، މޮރީނިއޯ އަކީ ހިކުމަތްތެރި، ވިސްނުން ތޫނު އަދި މަޖާ މިޒާޖެއްގެ ވެރި ކޯޗެއް ކަމަށާއި، އަދި އޭނާގެ ކުޅުންތެރީން ލައްވައި 100 ޕަސެންޓް ކުޅުވަން ބޭނުން ކޯޗެއް ކަމަށެވެ.

"ޔުނައިޓެޑުން ކާމިޔާބެއް ހޯދި ނަމަވެސް، މޮރީނިއޯ އެ ގެންގުޅޭ ސްޓައިލްގެ ފުޓްބޯޅަ އެ ކްލަބުގެ ފޭނުންނަށް ކަމުދާނޭހެނެއް އަހަންނަކަށް ހިޔެއް ނުވޭ،" ކެންޓާނޯ ބުންޏެވެ.

"އޭނާ {މޮރީނިއޯ} އަށް މެންޗެސްޓާ ޔުނައިޓެޑާއެކު ކާމިޔާބީތަކެއް ހޯދިދާނެ. އެކަމަކު ކާމިޔާބެއް ހޯދުނަސް އެ ކުޅޭ ފުޓްބޯޅަ އެމީހުންނަށް ކަމުދާނެތަ؟ އަހަންނަކަށް ހިޔެއް ނުވޭ."

1990 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން އެރިކް ކެންޓޯނާ ބޯޅަ ކޮންޓްރޯލް ކޮށްލަނީ. ކެންޓޯނާ ގަބޫލުކުރާ ގޮތުގައި މޮރީނިއޯ އަކީ ޔުނައިޓެޑަށް އެންމެ ކަމުދާ ސްޓަައިލްގެ ކޯޗެއް ނޫން -- ފޮޓޯ: ދަ ގާޑިއަން

ކެންޓާނޯ ބުނީ، މެންޗެސްޓާ ޔުނައިޓެޑަށް ކިތަންމެ މޮޅު ކޯޗަކު ގެނައި ކަމުގައިވީ ނަމަވެސް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް އެޓީމަށް އިރުޝާދުދިން ފާގަސަންގެ ފިލޯސަފީ، ސަޕޯޓަރުންގެ ހިތްތަކުން ފިލައިގެން ނުދާނޭ ކަމަށެވެ.

ފްރާންސަށް އުފަން އެރިކް ކެންޓޯނާ، މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 1992 ވަނަ އަހަރު ފްރާންސްގެ މާސޭއިންނެވެ. 1.2 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ ގުޅުމަށްފަހު، އެޓީމުގެ 7 ނަންބަރު ޖާޒީގައި ކެންޓޯނާ ކުޅުނު 182 މެޗުގައި އޭނާ ވަނީ އެޓީމަށް 82 ލަނޑު ކާމިޔާބުކޮށްދީ، ކްލަބްގެ ސަޕޯޓަރުންގެ ހިތްތަކުގެ އެންމެ ފުނުން ޖާގަ ހޯދައިފައެވެ.