13 May 2011, 13:45
ބަނގުރާ ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ހަންތަކަކާއި ބަނގުރާ ތައްޔާރުކުމަށް ބޭނުންކުރާ ސާމާނުތަކެއް ފުވައްމުލަކުން ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ މި މަހު ނުވަ ވަނަ ދުވަހު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކު ދިގުވާނޑު އަވަށުގެ ފަޅުގެއެއްގެ ތެރެއިންނާއި ދޫޑިގަމާއި ދިގުވާޑު އަވަށުގެ ޗަސްބިން ސަރަޙައްދުން ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ބަންގުރަލުގެ ހަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަންތަކުގައި ބަނގުރާ ތައްޔާރު ކުރުމަށް ބޭނުން ކުރާ ސާމާނުތަކާއި އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބަނގުރާ ފުޅިތަކާއި ހަންތަކެއް އެކި ފަހަރުމަތިން ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ބަނގުރާ ތައްޔާރު ކުރުމުގައި ޝާމިލްވާ ބަޔަކު ވެސް ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.