ގ. ވޭރު އަބްދުލް މުހީތު މަރާލުމުގެ ކުށް ސާބިތުވެ، މަރުގެ އަދަބު ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައިވާ ދެކުދިންގެ ތެރެއިން ކުއްޖެއްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލާގައި ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ ކުއްޖާގެ ފަރާތުން ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ މުހީތު މަރާލި މައްސަލާގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މެޑިކަލް ރިޕޯޓުގައިވާ ގޮތުން މުހީތު މަރުވެފައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންކަން އެނގޭ ކަމަށެވެ. އަދި އޭނާގެ މުވައްކިލު ތޫނު އެއްޗަކުން މުހީތުއަށް ހަމަލާ ދިންކަމަށް އެއްވެސް ހެއްކެއްގެ ހެކިބަހުން ސާބިތުވާން ނެތް ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީހަކަށް މާރާމާރީ ހިންގުމުގައި ބައިވެރިވިޔަސް މަރާލުމުގެ ނިޔަތް ނެތި ނުވަތަ މަރާލި މީހާ އޭނާ މަރާލުމަށް ތޫނު އެއްޗަކުން ހަމަލާދިނީ ދެން ބައިވެރިވި މީހުންނަށް އެނގުމެއް ނެތި ކަމަށްވާނަަމަ މާރާމާރީ ހިންގި މީހުންނަށް މަރުގެ އަދަބު ދެވޭނެތޯ ސުއޫދު ވަނީ ސުވާލު އުފައްދާފަ އެވެ. ސުއޫދު ވިދާޅުވީ އޭނާގެ މުވައްކިލުގެ މައްޗަށް މީހަކު މަރާލިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށެވެ.

މީހަކުު މަރުވީ އެންމެ މީހެއްގެ ކުރި އަމަލެއްގެ ނަތީޖާއަކުން ކަމަށްވިޔަސް އެކަމުގައި ބައިވެރިވި އެންމެނަށް ވެސް މަރުގެ އަދަބު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ މަރުގެ މައްސަލަތަލުގެ ޣަޒިއްޔާތަކަށް ބެލުމުން އެނގެން އޮންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެގޮތުން 2005 ވަނަ އަހަރު ހައިކޯޓަށް ހުށަހެޅި އީވާން ނަސީމްގެ މަރުގެ މައްސަލައަށް ބަލާއިރު އޭނާ ގައިގައި ތެޅި މީހުންގެ މައްޗަށް މަރުގެ އަދަބު ދީފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލު ނަޖީބު މަރާލި މައްސަލާގައި ފާތިމަތު ހަނާގެ މައްސަލަ ހައިކޯޓުން ބަލައި ނިންމި އިރު އެކަމުގައި ހަނާ ބައިވެރިވެފައިވުމުން ހަނާގެ މައްޗަށް މަރުގެ އަދަބު ދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އެހެންކަމުން މުހީތު މަރާލި ކަމަށް ޖުވެނައިލް ކޯޓުން ނިންމާފައިވާ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދު ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

އެ މައްސަލަ ހައިކޯޓުން މީގެ ކުރިން ބަލާފައިވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ނަމަވެސް ހައިކޯޓު ފަނޑިޔާރު ޝުޖާއު އުސްމާނު ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރުމާ ގުޅިގެން ތިން ފަނޑިޔާރުން ބަލާ ގޮތަށް ނިންމާފައިވާ ކަމަށް މައްސަލައިގެ އިސް ފަނޑިޔާރު އަބްދުރައޫފް އިބްރާހިމް ވިދާޅުވި އެވެ.

ފަޑިޔާރު ރައޫފް އިސް ފަނޑިޔާރުކަން ކުރައްވާ އެމައްސަލައިގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މުހީތު މަރާލި މައްސަލައިގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި ވަނީ ގދ. ގައްދޫ އަބުލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަން ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.