25 May 2016, 15:56
ސްރީލަންކަން އެއާވޭސްގެ ފަރާތުން އޭވިއޭޝަނާއި ގުޅުންހުރި ދާއިރާތަކުން ކިޔަވައިދިނުމަށް ހިންގާ ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ގޮތްޕެއް، އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއް ކަމުގައިވާ ސީޝެލްސްގައި ވެސް ހުޅުވުމަށް ސްރީލަންކަން އެއާލައިންސްއިން ނިންމާފައި ވެ އެވެ.
ސްރީލަންކަން އޭވިއޭޝަން ކޮލެޖުން 2012 ވަނަ އަހަރު މާލޭގައި ގޮތްޕެއް ހިންގި އިރު، ހިންގުމުގެ ބައެއް ސަބަބުތަކާ ހެދި، މިދިޔަ އަހަރުގެ ފަހުކޮޅު އެކޮލެޖުން ވަނީ މާލެ ގޮފީގެ ޚިދުމަތް ދިނުން ހުއްޓާލައިފަ އެވެ. އެހެން ނަމަވެސް އާ ދިވެހި ޕާޓްނަރަކާ އެކު އޭވިއޭޝަން ކޮލެޖު އަލުން ރާއްޖޭގައި ހުޅުވުމަށް ސްރީލަންކަން އެއާލައިންސްއިން ނިންމާފައި ވެ އެވެ.
ސްރީލަންކަން އޭވިއޭޝަން ކޮލެޖުން އިއްޔެ ބުނީ، ލަންކާގެ ނަވަލޯކާ ގްރޫޕާ ގުޅިގެން، ސްރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ވެސް އޭވިއޭޝަން ކޮލެޖުގެ ފްރެންޗައިޒް ސްކޫލުތަކެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ސްރީލަންކަން އޭވިއޭޝަން ކޮލެޖު މިހާރު ހުންނަނީ، ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އެކަންޏެވެ.

ސްރީލަންކަން އެއާލައިންސްގެ ސީއީއޯ ސުރެން ރަތުވައްތަ ވިދާޅުވީ، ފްރެންޗައިޒް ޕާޓްނަރެއްގެ ގޮތުގައި ނަވަލޯކާ ގްރޫޕު ނަގައި، ސްރީލަންކާގެ ގާލް، ބެޓިކަލޯ، ޖަފްނާ އަދި ކެންޑީގައި ޓްރެއިނިންގ ސެންޓަރުތަކެއް ގާއިމު ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި އެ ކޮލެޖުގެ ގޮތްޕެއް ހުޅުވުމަށް ފްރެންޗައިޒް ޑީލެއް ލިބިފައިވާ ކަމަށާ، ސީޝެލްސްއަށް ވެސް ކޮލެޖު ފުޅާ ކުރާނެ ކަމަށް ސީއީއޯ ވިދާޅުވި އެވެ.
މި މަހުގެ ކުރީކޮޅު "ސަން" އަށް މައުލޫމާތު ދެއްވަމުން، ސްރީލަންކާ އޭވިއޭޝަން ކޮލެޖުގެ އޮފިޝަލް ނަދީޝާ އަމަރަސިންހަ ވިދާޅުވީ، އެ ކޮލެޖާ ގުޅިގެން މާލޭގައި މަސައްކަތް ކުރާނެ ރަނގަޅު ދިވެހި ކުންފުންޏެއް ލިބިފައިވާ ކަމަށާއި، ޕާޓްނަރުގެ ހައިސިއްޔަތުން އެކުންފުންޏާ އެކު މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަން މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ބުނީ، ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ޓީމެއް މާލެ އައިސް، ހުރިހާ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ކޮލެޖުން މަސައްކަތް ކުރަމުން ދަނީ މަސް ދުވަހުގެ ތެރޭގައި ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ މާލެ ގޮފި އަލުން ހުޅުވައި، އެތަނުގެ ޚިދުމަތްތައް ދޭން ފެށުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ މާލެ ބްރާންޗުން ހުށަހަޅާ ކޯސްތަކުގެ ތެރޭގައި، އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އިއާޓާ) އެއާލައިން ކެބިން ކްރޫ ކޯހާއި، އިއާޓާ ޓްރެވަލް އެންޑް ޓޫރިޒަމް ފައުންޑޭޝަން ކޯހާއި، ކާގޯ އިންޓްރޮޑަކްޓަރީ ކޯހާއި، އެއާޕޯޓް ޕެސެންޖާ ހެންޑްލިންގ ފައުންޑޭޝަން ކޯހާއި، ޑޭންޖަރަސް ގުޑްސް ރެގިއުލޭޝާންސް ކޯހުގެ އިތުރުން، ސެޓްފިކޭޓް ޕްރޮގްރާމް އިން އޭވިއޭޝަން ފަންޑަމެންޓަލްސް ހިމެނެ އެވެ