ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ފަށާނީ އާންމުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމާއެކު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ދަތުރުފަތުގެ ކަންކަން ބަލަހައްޓާ އިކޮނޮމިކް މިނިސްޓްރީން ނިންމާފައި ވަނީ ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފްކުރުމުގެ ހުއްދަ އަންނަ މަހު ދޭން ނިންމާފަ އެވެ.

އެ ހަބަރާއެކު އެތައް ބަޔަކަށް އުފާވެރިކަން ލިބިގެންދިޔައިރު ބައެއް މީހުން ވަނީ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފަ އެވެ. އެގޮތުން ވެހިކަލްތަކުގެ ކޮލެޓީ އާއި ޑުރައިވަރުން ތަބާވާންޖެހޭ ހަމަތަކާއެކު އެ ނިޒާމު މޮނީޓާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އާންމުން ވަނީ ސުވާލު އުފައްފާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީންގެ ޑިރެކްޓަރު އަހުމަދު އައިމަން ޝަރީފް ވިދާޅުވީ އެ ހިދުމަތް ތައާރަފްކުރުމާ ގުޅޭ ގޮތުން ބައެއް މީހުން ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު އެ ހިދުމަތް ދޭން ފަށާނީ އެކަންކަމަށް ހައްލު ގެނެސް ހަރުދަނާ އުސޫލެއްގެ މަތިން ކަމަށެވެ.

"ކަންބޮޑުވުންތަކަށް އެޑްރެސް ކުރުމަށްފަހު އަޅުގަނޑުމެން އަމަލުކުރަން ފަށާނީ،" އައިމަން ވިދާޅުވިއެވެ.

އެ ހިދުމަތާއެކު އެހެން ގައުމުތަކުގައި ދިމާވެފައިވާ މައްސަލަތައް ކަމަށްވާ ވެހިކަލް ގިނަވުމާއި ރައްކާތެރިކަމުގެ މައްސަލަތައް ރާއްޖޭގައި ނުވާނެ ގޮތްތަކެއް އެ ކުލަވާލުމަށް ބަލަމުން އަންނަ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

ސައިކަލުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް އަންނަ މަހު ހުޅުވާލަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މާލޭގައި އޮތް ޓުރެފިކާއެކު ޓެކްސީ ކާރުގެ ހިދުމަތް ލަސްވެގެން ދިމާވާ މައްސަލަތަކަށް ޓެކްސީ ސައިކަލާއެކު ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އައިމަން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެ ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވަނީ ވަކިވަކި ފަރުދުންގެ ބަދަލުގައި ކުންފުނިތަކަށެވެ. ހިދުމަތް ތައާރަފް ކުރުމުގެ މަޝްވަރާގައި ސައިކަލް ޓެކްސީގެ ހިދުމަތްދޭ ޑްރައިވަރުން ޔުނީފޯމެއްގައި ތިބެންޖެހޭނެ ގޮތަށް ދަނީ ވާހަކަ ދައްކަމުންނެވެ. އެފަދަ ޓެކްސީ ސައިކަލުގައި ޑްރައިވަރުންގެ ގޮތުގައި އަންހެނުންނަށް ވެސް ހަރަކާތްތެރިވެވޭނެ އެވެ.