ރެއާލް މެޑްރިޑް ބަލިކޮށް، އެތުލެޓިކޯ މެޑްރިޑުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ ކަމަށް އުންމީދުކުރާ ކަަމަށް ބާސެލޯނާގެ ބްރެޒިލް ޑިފެންޑަރު ޑަނީ އަލްވޭސް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމުގެ ކުރިން އެތުލެޓިކޯއިން ވަނީ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ޗެމްޕިއަން ބާސާ ކަޓުވާލައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް އާއި އެތުލެޓިކޯ ބައްދަލުކުރާ އިރު، އެ ދެ ޓީމު ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުން 4-1 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ވާދަވެރި ރެއާލް އެވެ.

"އަހަރެން އެދެނީ އެތުލެޓިކޯއިން ޗެމްޕިއަންސް ލީގު ހޯދުން. އެއީ ހަމައެކަނި ރެއާލް ބަލިވާން އަހަރެން ބޭނުންވާތީއެއް ނޫން. އަހަރެންނަށް އަބަދުވެސް ރަނގަޅު ރެއާލްއަށް މޮޅުނުވެވޭނަމަ. އެކަމަކު އަހަރެން އެތުލެޓިކޯ މޮޅުވާން އެދެނީ އެއީ އެ ޓީމު އެކަމަށް އެވަރަށް މަސައްކަތްކުރީތީ،" އޭއެސް އަށް ދިން އިންޓަވިއުއެއްގައި އަލްވޭސް ބުންޏެވެ.

އޭނާ ބުނީ، އެންމެ މަތީ ލެވެލްގައި އެތުލެޓިކޯއަށް ތަށްޓެއް ހައްގު ކަމަށާއި އެ ހިސާބަށް އެތުލެޓިކޯ ގޮސްފައިވަނީ އެންމެ މަތީ ފެންވަރުގައި ކުޅެގެން ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެތުލެޓިކޯއިން ކުރި ބުރަ މަސައްކަތަށް އިނާމެއް ހައްގުވާ ކަމަށް ވެސް އަލްވޭސް ބުންޏެވެ.