25 May 2016, 13:13
ލަންކާއަށް ކުރި ވިއްސާރާގައި އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުން ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަޔަކަ ވިދާޅުވީ، 2014 ވަނަ އަހަރު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ލަންކާއަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ގުދުރަތީ ކާރިސާގައި ލިބުނު ގެއްލުން އެންމެ މަދުވެގެން 1.5 ބިލިއަން އެމެރިކާ ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދަށް އަރާނެ ކަމަށެވެ.
"ލިބުނު ގެއްލުމަށް އެންމެ މަދުވެގެން އަރާނެ ކަމަށް ލަފާކުރާ އެ އަދަދަކީ ގެއްލުންވި ވެހިކަލްތަކާއި އާލާތްތަކާއި މެޝިނަރީ ނުހިމަނާ،" ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ރަވީ ވިދާޅުވެފައިވެ އެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް މިދިޔަ ހަފްތާ ތެރޭގައި ކުރި ވިއްސާރައިގައި 92 މީހުން މަރުވެފައިވާއިރު، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގާތްގަނޑަކަށް 109 މީހުން ވަޅުލެވިފައިވާ ކަމަށް އަންދާޒާ ކުރެވެ އެވެ.
ލަންކާ ސަރުކާރުން ބުނީ، ވިއްސާރައިގެ ސަބަބުން 350،000 މީހުން އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ބައެއް މީހުން އެނބުރި ގެތަކަށް އަންނަމުންދާ ކަމަށެވެ. މީގެ އިތުރުން، 12،500 އަށްވުރެ ގިނަ ގެޔާއި 300،000 އަށްވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުންވެފައިވަ ކަމަށް ރަވީ ކަރުނަޔަކަ ވިދާޅުވި އެވެ.