25 May 2016, 13:20
ރާއްޖެއިން އިރާނާ އެކު ބާއްވާފައިވާ 40 އަހަރުވީ ޚާރިޖީ ގުޅުން ކަނޑާލި ކަނޑާލުމާ މެދު އިރާނުން އެއްޗެކޭ ބުނުމަށް ދެކޮޅު ހަދައިފި އެވެ.
ސްރީލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ނޫހުން ވަނީ، އިރާނުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، މިކަމަށް އީރާނުގެ ފަރާތުން ބަހެއް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.
އޭގެ އިތުރުން، ސްރީލަންކާގައި ހުންނަ އިރާނުގެ އެމްބަސީން ވެސް ބަހެއް ލިބޭތޯ ސަންޑޭ ޓައިމްސްއިން މަސައްކަތް ކުރި އެވެ. ނަމަވެސް، ރާއްޖެއިން އިރާނާ ޚާރިޖީ ގުޅުން ކަނޑާލި ކަނޑާލުމާ ބެހޭގޮތުން އިރާނު ސަރުކާރުގެ ފަރާތުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އިރާނު އެމްބަސީއިން ބުނެ، އެކަމަށް ކޮމެންޓް ކުރުމަށް ދެކޮޅު ހެދި ކަމަށް ސަންޑޭ ޓައިމްސްއިން ރިޕޯޓު ކުރެ އެވެ.
ނަމަވެސް، ޓްވިޓާ ފަދަ ސޯޝަލް މީޑިއާތަކުގައި، އިރާނުގެ ބައެއް ރައްޔިތުން ވަނީ، ދިވެހި ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި އެ ގައުމަ ގުޅުން ކަނޑާލުމަށް ރާއްޖެއިން ނިންމި ނިންމުމަކާ މެދު އިރާނު ދެރަ ނުވާ ކަމަށާއި، އެކަމާ ހިތާމަކޮށް، އިރާނުން ބަޔާން ނެރެން ނުޖެހޭ ކަމަށް އެ މީހުން ބުނަމުން ދިޔަ އެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އިރާނުން ރާއްޖެއަށް މިދިޔަ މަހު ކަނޑައެޅުއްވި ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ބައްދަލުކުރައްވަނީ -- ފޮޓޯ/ފޮރިން މިނިސްޓްރީ
މެއި 17 ވަނަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށާއި ނަމަވެސް އެ ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ކަމަށެވެ. އަދި އެ ސަބަބަށް ޓަކައި އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ފޮރިން މިނިސްޓްރީން ބުންޏެވެ.
އިރާނާ އެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލި އިރު، އެގައުމުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ވަނީ 24 އޭޕްރިލް ވަނަ ދުވަހު، ރައީސް ޔާމީނަށް ސަފީރު ކަމުގެ ފަތްކޮޅު އަރުއްވައިފަ އެވެ. އަދި އެއަށް ފަހު، ރައީސް ޔާމީން ވަނީ، ސާފުކޮށްފައިވާ ތެޔޮ އިރާނުން ރާއްޖެއަށް އިމްޕޯޓު ކުރުމާ މެދު މަޝްވަރާ ކުރައްވައި، އެކަމުގެ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
ހަމަ އެ ދުވަހު އިރާނުގެ ސަފީރު މުހައްމަދު ޒައެރީ އަމިރާނީ ވަނީ ފޮރިން މިނިސްޓްރީގައި، ފޮރިން މިނިސްޓަރުދުންޔާ މައުމޫނާ ވަކިން ބައްދަލު ކުރައްވައިފަ އެވެ.
"ޚާރިޖީ ވަޒީރާ ވަނީ އިރާނުގެ އާ ސަފީރަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އިރާނާ ރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުމާ މެދު ވާހަކަ ދައްކަވައި، އެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ މެދު ޚާރިޖީ ވަޒީރާ މަޝްވަރާ ކުރެއްވި އެވެ،" ފޮރިން މިނިސްޓްރީން ބުނެފައި ވެ އެވެ.
އިރާނާއި ރާއްޖެ، ޚާރިޖީ ގޮތުން ގުޅުނީ 1975 ވަނަ އަހަރު އެވެ.