އައްޑޫ ސިޓީގެ އަވަށްތަކުގެ މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާ ގޮތަށް ބަހައްޓާފައި ހުރި ތަކެތި ނަގަން ހައުސިން މިނިސްޓްރީ އިން އަންގައިފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް އައްޑޫގެ ތާރުއަޅައިގެން ހަދާފައިވާ މަގުތަކާއި ގާ އަތުރައިގެން ހަދާފައިވާ މަގުތަކުގެ ދުވާރުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް، ބާވެފައި ހުންނަ ވެހިކަލާއި ގެދޮރު ސާފުކޮށްގެން ނަގާފައި ހުންނަ އުކާލަން ޖެހޭ ތަކެތި ފަދަ އެއްޗެހި ބަހައްޓާފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މާދަމާ އިން ފެށިގެން އެގާރަ ދުވަހުގެ ތެރޭގައި (ޖޫން ފަސް ވަނަ ދުވަހުގެ ނިޔަލަށް) އައްޑޫ ސިޓީގެ މަގުތަކާއި ދުވާރުތަކުގައި ބަހައްޓާފައިވާ ތަކެތި ނެގުމަށް އެ މިނިސްޓްރީ އިން ވަނީ އަންގައިފަ އެވެ.

މިނިސްޓްރީ އިން ބުނީ، އެ މުއްދަތުގައި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނުނަގައިފި ނަމަ، އެ ތަކެތި ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ނަގަމުން ގެންދާނެ ކަމަށެވެ.