13 May 2011, 13:38
މި އަހަރުގެ ރިއަލް ޖީޑީޕީއަކީ 11.3 ބިލިއަން ރުފިޔާ ކަމަށް ކުރިން އަންދާޒާ ކުރެވުނަސް، އިތުރަށް ލިބުނު މައުލޫމާތުގެ އަލީގައި ރިއަލް ޖީޑީޕީގެ އަންދާޒާ 21.1 ބިލިއަން ރުފިޔާއަށް މަތިވުމުން، މި އަހަރު ކޮންމެ ދިވެސެއްގެ ބޮލަކަށް ޖެހޭނީ 4061 ޑޮލަރު )62620 ރ.( ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ހިތާބުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަށް އަންނަ ބަދަލުތަކުގެ މައުލޫމާތާ ބޭހޭ ގޮތުން ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދައްކުވައިދޭ ޖީޑީޕީ އަންދާޒާ ކުރަން ބޭނުންކުރާ މަޢްލޫމާތު މިދިޔަ އަހަރުގެ ތެރޭގައި ފުރިހަމައަށް ލިބިފައި ވުމުން ޖީޑީޕީ ކުރިން އަންދާޒާ ކުރެވިފައި އޮތް ވަރަށް ވުރެ މާ މަތީ ޢަދަދެއްކެއް މިހާރު ފާހަގަ ކުރެއްވޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދުންތެރިކަމުގެ މިންގަނޑު، ދާއިމީ އަގުން އަންދާޒާ ކުރަމުން ގެންދެވިފައިވާ، 1995ގެ ބަދަލުގައި 2003 އަށް މިހާރު ބަދަލުކުރެވިފައިވާ ކަމަށާއި އެ ބަދަލުގެ ސަބަބުން ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ކުރިއަށް ވުރެ ފުރިހަމައަށް މިހާރު އަންދާޒާ ކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ އިގްތިސާދުގެ ސިފަތަކަށާއި އަގުތަކަށް ހަލުވި މިނެއްގައި ބަދަލުތައް އަންނަ ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމެއްގައި އުފެއްދުންތެރިކަން ދާއިމީ އަގުން އަގުކުރާ އަހަރު އަވަސް އަވަހަށް ބަދަލުކުރުން ވަރަށް މުހިންމު ކަމަށާއި މިއީ ބައިނަލްއަޤްވާމީ ގޮތުން ވެސް ބާރުއަޅަމުން އަންނަ މަގު ކަމަށެވެ.
ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރުގެ އަގުތައް ބޭނުންކޮށްގެން މިހާތަނަށް އަންދާޒާ ކުރެވިފައިވާ ޖީޑީޕީ ވޭތުވެދިޔަ 10 އަހަރަށް ބަލާއިރު، އެވްރެޖްކޮށް އަހަރަކު ކުރިއަރާފައި ވަނީ 5.8 ޕަސެންޓް ކަމަށާއި އެހެންނަމަވެސް، ރާއްޖޭގެ މާލީ އޮނިގަނޑަށް އައި ބަދަލުތަކާއި އިގްތިސާދީ ބަދަލުތަކާއި، ހާއްސަކޮށް ޓެކްސް ނެގުމުގެ ބަދަލުތައް ގެންނާން ފެށުމާއެކީގައި 2003ގެ އަގުތައް ބޭނުންކޮށްގެން،7.9 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި 2011 ވަނަ އަހަރުގެ ރިއަލް ޖީޑީޕީއަކީ 11.3 ބިލިއަން ރުފިޔާ ކަމަށް އަންދާޒާ ކުރެވިފައި އޮތް ނަމަވެސް، އިތުރަށް މިލިބުނު މަޢްލޫމާތުގެ އަލީގައި، ރާއްޖޭގެ ޙަޤީޤީ ޖީޑީޕީއަކީ، 21.1 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. އަދި މި އަހަރު ބޮލަކަށް ޖެހޭނެ ކަމަށް ކުރިން އަންދާޒާ ކޮށްފައިވާ 2844 )43854 ރ.( ޑޮރަރުން 4061 ޑޮލަރަށް )62620 ރ.( އަންދާޒާ މަތިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"(ކުރިން) ރިއަލް ޖީޑީޕީއަކީ އެގާރަ ބިލިއަން ތިންސަތޭކަ ތިރީސް ފަސް މިލިޔަން ރުފިޔާ ކަމަށް އަންދާޒާ ކުރެވިފައި އޮތް ނަމަވެސް، އިތުރަށް މިލިބުނު މަޢްލޫމާތުގެ އަލީގައި މިހާރު މިފެންނަނީ، ރާއްޖޭގެ ޙަޤީޤީ ޖީ.ޑީ.ޕީ އަކީ އެކާވީސް ބިލިއަން އެއްސަތޭކަ ތޭވީސް މިލިއަން ރުފިޔާ ކަމަށް. އަދި އަޅުގަނޑުމެންނަށް މިހާރު މިއެނގެނީ، 2011 ވަނަ އަހަރުގެ ރިއަލް ޖީ.ޑީ.ޕީ ބޮލަކަށްޖެހޭ މިންވަރު ކަމަށް، ކުރިން އަންދާޒާ ކުރެވިފައިވާ 2844 ޑޮލަރަކީ، ޙަޤީޤަތުގައި 4061 ޑޮލަރުގެ މިންވަރުކަން." ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި 97 ވަނަ ރޭޑިއޯ ހިތާބުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޖީޑީޕީގެ މިންގަނޑު ކަނޑައެޅުމުގައި ބޭނުންކުރާ މަޢްލޫމާތު، ބަދަލުވެގެންދިޔައީ ޖީއެސްޓީ ނަގަން ފެށުމާ އެކީގައި ކަމަށާއި އަދި އެއިން ސަރުކާރަށާއި ދައުލަތަށާއި އަދި އެހެންވެސް ފަރާތްތަކަށް ލިބިގެންދިޔަ މަޢްލޫމާތުގެ އަލީގައި ކަމަށް ވިދާޅުވި އެވެ. އަދި އިތުރު ޓެކްސްތައް ތައާރަފްކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރެވުމުން އިގްތިސާދީ ދުވެލި އެތައް ތަނަކުން ބާރުކުރެވޭނެ ކަމަށާއި އަޅުގަނޑުމެންގެ ދިރިއުޅުމަށް އަޅުގަނޑުމެން މިއެދޭ ބަދަލާއި ތަރައްޤީ ހޯދާން ފަސޭހަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ހިތާބުގައި، އިއްޔެ އައްޑޫ ސިޓީގައި ބޭއްވެވި ކޮމިއުނިޓީ ކެބިނެޓްގެ ބައްދަލުވުމަށްވެސް ބައްލަވާލެއްވި އެވެ. އެބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ކަމަށާއި ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުން އެދޭ ގޮތްތައް ވަރަށް ރަނގަޅަށް އެނގިގެންދިޔަ ބައްދަލުވުމަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.