ކުލާސް ރޫމުތަކުގައި ބޫޓަށް އަރައިގެން ހަރަކާތްތެރިވާ ދަރިވަރުންނަށް ވުރެ ބޫޓަށް ނާރައި ކުލާސްރޫމްތަކުގައި ހަރަކާތްތެރިވާ ދަރިވަރުން ކިޔެވުމުގައި ރަނގަޅު ނަތީޖާ ހޯދާ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

އިނގިރޭސި ވިލާތުގެ ބޯންމައުތު ޔުނިވާސިޓީގެ ރިސާޗަރުން "ނޯ ޝޫ ޕޮލިސީ" ގެ ނަމުގައި ހެދި އެ ދިރާސާ އިން ދައްކާ ގޮތުން، ކުލާސްރޫމް ބޭރުގައި ބޫޓު ބެހެއްޓުމަށްފަހު ކުލާސްރޫމަށް ވަންނަ ދަރިވަރުން ސްކޫލަށް އަންނަ ގަޑި އަވަސްވެ، ދާ ވަގުތު ލަސްވެ، ކިޔަވާ ވަރު އިތުރެވެ. ނަތީޖާއެއް ގޮތުން ކިޔެވުމުގެ ރަނގަޅު ނަތީޖާތަކެއް ހޯދަ އެވެ.

ބޯންމައުތުގެ ޔުނިވާސިޓީ އިން އެ ދިރާސާއަށް، 25 ގައުމެއްގެ 1000 އަށްވުރެ ގިނަ ދަރިވަރުން 10 އަހަރު ދުވަސް ވަންދެން ބަލައި ދިރާސާކޮށްފައިވެ އެވެ.

"ނޯ ޝޫ ޕޮލިސީ"އަކީ މިހާރު ވެސް އިނގިރޭސި ވިލާތުގެ ބައެއް ސްކޫލްތަކުގައި ގާއިމްކޮށްފައިވާ ޕޮލިސީ އަކަށްވާއިރު، ނިއުޒިލޭންޑް އަދި އޮސްޓްރޭލިއާގެ ސްކޫލްތަކަށް އެ ޕޮލިސީ ތައާރަފްކޮށް ކުރި ދިރާސާގައި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު މަތިވެފައިވާ ކަން ވަނީ ފާހަގަވެފައެވެ.

މީގެ އިތުރުން، ސެޕެއިން ފަދަ، ކުލާސްރޫމް ތެރޭގައި ބޫޓާއެކު ހަރަކާތްތެރިވުން އާއްމު ގައުމެއްގައި އެ ޕޮލިސީ ތައާރަފްކުރުމުން ދަރިވަރުންގެ އަހުލާގަށާއި ދަސްވުމުގަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ.

މާހިރުންނަށް ފާހަގަވެފައިވާ ގޮތުން، ބޫޓަށް ނާރާ ކުލާސްރޫމްތަކުގައި ހަރަކާތްތެރިވުމުން ކުލާސްރޫމްތަކުގައި އަޑު މަޑުވެ، އަމާން މާހައުލެއް ގާއިމްވެ ދަރިވަރުންނަށް ދަސްކުރުމަށް ހިތްވަރަކަށް އެކަން ވެގެންދެ އެވެ. އަދި ބޫޓަށް ނާރައި ކުލާސްރޫމްތަކުގައި އުޅުމުގެ ފުރުސަތު ލިބުމުން، ހަށިގަނޑު ހަމަޖެހި ގޭގައި އުޅެވޭ ކަހަލަ އިހުސާސެއް ދަރިވަރުންނަށް ކުރުވައެވެ.

"ބޫޓަށް ނާރާ އުޅޭނަމަ ދަރިވަރުން ބިންމަތީގައި އިށީންދެ ހަމަޖެހިގެން ތިބުމަށް ފުރުސަތު ލިބޭ. ކިޔަވަން ކޮންމެ ކުއްޖަކު ވެސް ބޭނުން ކުރަނީ ގޮނޑިއެއް. އަޅުނގަޑުމެން ކުރި ދިރާސާއިން 95 ޕަސެންޓް ކުދިން ގޭގައި ހުންނަ ގޮޑީގައި އިނދެގެން ނުއެއް ކިޔަވާ. ނަމަވެސް ޗުއްޓީއަކަށް ގޮސް އެ ކުދިން އޮށޯވެގެން ކިޔަވަން ފަސޭހަވޭ،" ބޯންމައުތް ޔުނިވާސިޓީ އިން ހެދި ދިރާސާގައި އިސްކޮށް އުޅުނު ޕްރޮފެސަރު ސުޓެފަން ހެޕެލް ވިދާޅުވެފައިވެ އެވެ.

ޕްރޮފެސަރު ވިދާޅުވީ، ކުލާސްރޫމްތެރޭގައި ބޫޓަށް ނާރައި ހަމައެކަނި އިސްޓާކީނަށް އަރައިގެން އުޅުމުން ކުލާސްރޫމްތައް ސާފުކުރުމަށް ސްކޫލްތަކުން ހޭދަކުރާ ފައިސާގެ އަދަދު 20 ޕަސެންޓް ދަށްވެ، ކުލާސްރޫމްތަކަށް ގަންނަންޖެހޭ ފަރުނީޗަރަށް ހޭދަކުރާ މިންވަރު މަދުކުރެވޭނެ އެވެ.

"ނޯ ޝޫ ޕޮލިސީ" ތައާރަފްކޮށްފައިވާ ބައެއް ސްކޫލްތަކުގެ މުދައްރިސުން ވެސް ގަބޫލުކުރާ ގޮތުގައި، އެ ޕޮލިސީގެ ދަށުން އެކުދިން ބޭނުންވާ ގޮތަށް ސްކޫލުގެ މާހައުލު ބައްޓަންވެ، ސްކޫލްތަކުގައި ބުލީ ކުރުން ވެސް މަދުވެއެވެ.