25 May 2016, 11:59
ދައުލަތަށާއި، ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާ ދިވެހި ގައުމީ ދިދަ، ބައި ދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި އަމިއްލަ ގެކޮޅުގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 87 އަހަރެވެ.
ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން، ރައީސް އަބްދުﷲ ޔާމީން ވަނީ، ޒާހިރުގެ އާއިލާއަށް ފޯނުން ގުޅުއްވައި، ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖޭގެ ކުޅިވަރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައި، މި ދާއިރާގެ ތަރައްޤީއަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ޒާހިރު ނަސީރަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ނާޝީދު "ސަން"އަށް މިއަދު ވިދާޅުވީ ބޭބެ އާލާސްކަންފުޅާ އުޅުއްވާތާ ހަތަރު މަހެއްހާ ދުވަސް ވެދާނެ ކަމަށާއި ބޭބެގެ ހަރަކާތް ހުއްޓިގެން ފަތިހު ހޮސްޕިޓަލަށް ގެންދިޔައިރު އަވަހާރަވެފައިވާ ކަަމަށެވެ.
އަވަހާރަވީއިރު ޒާހިރު ނަސީރު ކައިވެންޏެއް ބައްލަވައިގެންފައެއް ނުވެ އެވެ.
ޒާހިރަށް 2011 ވަނަ އަހަރު ވަނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު ދައުލަތުން އަރުއްވައިފަ އެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ޒާހިރު ނަސީރަަށް ވަނީ ނޫސްވެރިކަމުގެ ގައުމީ ޝަރަފު އަރުވާފަ އެވެ. އެ ޝަރަފު އެމަނިކުފާނަށް އެރުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިންނެވެ.