މަދަނީ، އަސާސީ މިނިވަންކަމާ މެދު އުފައްދާ އާ ގާނޫނުތަކާ ގުޅިގެން ރާއްޖެއިން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކާ، ވިލާތުގެ ގިނަ ގައުމުތަކުން ވެސް ކުރިމަތިލާން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ވަފުދުގެ މެމްބަރުންނާ ދިވެހި ސަރުކާރާ ދެމެދު ބާއްވާ ރަސްމީ މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދުންޔާ ވިދާޅުވީ މިއަދު ފެށުނު މި ބައްދަލުވުމުގައި، އިންސާނީ ހައްގުތަކާއި، ޓެރަރިޒަމާ ހައްދުފަހަނަ އަޅާ ދިއުމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ދިވެހި ސަރުކާރުގެ އިގްތިސާދީ އެޖެންޑާއާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.

ދުންޔާ ވިދާޅުވީ، ރާއްޖެއަށް މި ދާއިރާތަކުން ދިމާވާ ގޮންޖެހުންތަކައް ކަޑައްތު ކުރުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ހޮޓެލް ޖެންގައި މިއަދު ފެށި މި މަޝްވަރާ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު ދުންޔާގެ އިތުރުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކުރާއި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްމަދު މުހައްމަދުގެ އިތުރުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ބައިވެރިވެވަޑައިގަންނަވަ އެވެ.

ވިލާތުގެ އިއްތިހާދުން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

ވިލާތުގެ އިއްތިހާދުގެ ފަރާތުން ބައިވެރިވާ ބޭފުޅުންގެ ތެރޭގައި، އީޔޫއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޑޭލީ، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް އަދި ޖަރުމަނު ސަފީރު ޔުއެގެން މޯހާޑް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބައްދަލުވުމުގައި މީޑިއާއަށް ކަވަރު ކުރަން ހަމަޖައްސައި އެ ފުރުސަތު ފޮރިން މިނިސްޓްރީން ދީފައި ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ވާހަކަފުޅު އެކަންޏެވެ. އީޔޫގެ ސަފީރު ޑޭލީ ވާހަކަފުޅު ފެއްޓެވުމާ އެކު، އެ މާލަމުން މީޑިއާގެ ފަރާތްތައް ނުކުތުމަށް ފޮރިން މިނިސްޓްރީން އެންގި އެވެ.

ވިލާތުގެ އިއްތިހާދުގެ ޑެލިގޭޝަނާ، ފަހަތުގައި މީޑިއާގެ ފަރާތްތައް -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން

މި ބައްދަލުވުމުގައި ދުންޔާ ދެއްކެވި ވާހަކަފުޅުގައި، އީޔޫގެ މެމްބަރު ގައުމުތަކުން ވެސް އެކިއެކި މައްސަލަތަކާ ކުރިމަތިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ދީނީ ހަރުކަށި ޚިޔާލާއި، ރެފިއުޖީ މައްސަލަ އާއި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ޖަރީމާތައް އޭގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ވިދާޅުވީ އީޔޫގެ ގައުމުތަކަށް ކުރިމަތިވާ ގަނޫނީ ގޮންޖެހުންތަކާ، ރާއްޖެއިން ކުރިމަތިލާ ގޮންޖެހުންތައް ދާދި އެއްގޮތް ކަމަށެވެ.

"ތިޔަބޭފުޅުންގެ ބައެއް ގައުމުތަކުގައި، މަދަނީ އަދި އަސާސީ ހައްގުތަކާ ބެހޭގޮތުން އުފައްދާ އާ ގާނޫނުތަކުގެ ސަބަބުން ދިމާވާ ސަބަބުތަކާ ގުޅިގެން ކުރާ ބަހުސްތަކަކީ، ރާއްޖޭގައި އަޅުގަނޑުމެންނާ ވެސް ކުރިމަތިލާންޖެހޭ ބަހުސްތަކާ ދާދި އެއްގޮތް ކަންކަން. މި ގޮންޖެހުންތައް ގިރާކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ގަބޫލުކުރަން،" ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، ދުންޔާ ވިދާޅުވީ ވިލާތުގެ އިއްތިހާދާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ރާއްޖެއަށް ވަރަށް މުހިންމު ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، ރާއްޖެއަށް ހަމަޖެހުން ގެނައުމަށް ދެފަރާތުން ވެސް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން، ވިލާތުގެ އިއްތިހާދުގެ ގައުމުތަކާ އެކު އޮތް ވިޔަފާރިއާ އިންވެސްޓްމެންޓުގެ ދާއިރާގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށާއި، ޚާއްސަކޮށް ރާއްޖެއިން އީޔޫއަށް ކުރާ އެކްސްޕޯޓާއި، އީޔޫގެ ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކުރުމުގައި ދިވެހި ސަރުކާރުގެ އެންމެ ހަރަކާތްތެރި ބައިވެރިއަކީ ވިލާތުގެ އިއްތިހާދު ކަމުގައި ވާން ދިވެހި ސަރުކާރުން ބޭނުންވޭ،" ދުންޔާ ވިދާޅުވި އެވެ.