ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމަށް ފެބްރުއަރީ 8، 2012، ގައި ހަމަލާދިން ކަމުގެ ކުށް ދެ ފުލުހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ދެ ފުލުހުންނަކީ މއ. ރަވްޟާ އިބްރާހީމް ފައިސަލް އާއި ހދ. ކުޅުދުއްފުށީ ހިރުދު އަލީ އަބޫބަކުރެވެ.

ފުލުހުންތަކެއް ގަސަމަށް ހަމަލާދިނީ ފެބްރުއަރީ 8، 2012،ގައި އެމްޑީޕީން ކުރި މުޒާހަރާގައި ބައިވެރިވެ އޭނާ އެމްއެމްއޭ ސަރަހައްދުގައި ހުންނަވަނިކޮށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުލަތުން ކުރި މާރާމާރީ ހިންގުމުގެ ދައުވާ އަށް އެ ދެ މީހުން އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކަށް ބަލާއިރު، އެ ދައުވާ ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އިބްރާހީމް ފައިސަލް: ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ގަސަމަށް ހަމަލާދިނުމުގެ ކުށް އޭނައާ އިތުރު ފުލުހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައި--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"މި ދައުވާ އަށް އިބްރާހީމް ފައިސަލް އާއި އަލީ އަބޫބަކުރު އިންކާރުކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން އިބްރާހީމް ފައިސަލާއި އަލީ އަބޫބަކުރުމުގެ މައްޗަށް މި ދައުވާ ސާބިތވާ ވަރަށް ހެކި ގަރީނަ ލިބިފައިނުވާތީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އަށް ރިއާޔަތްކޮށް މާލެ، މއ. ރައުޟާ އިބްރާހީމް ފައިސަލް އާއި ހދ. ކުޅުދުއްފުށީ ހިރުދު އަލީ އަބޫބަކުރުގެ މައްޗަށް ދައުލަތުން ކުރި މާރާމާރީ ހިންގުމުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކަނޑައަޅައި މިގޮތުގެމަތިން ހުކުމްކޮށް މި މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ވެސް އެ ދެ މީހުންގެ ތެރެއިން ފައިސަލްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ މައްސަލަ އަދި ނުނިމެއެވެ.