އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި ތާލިބާނުންގެ ލީޑަރު، މުއްލާ މުހައްމަދު އަހުތަރު މަންސޫރު މަރާލާފައިވާ ކަމަށް އަފްޣާން ތާލިބާނުން އެއްބަސްވެ، އެ ޖަމާއަތުގެ އާ ލީޑަރު ކަމަށް މީހަކު ހަމަޖައްސައި އެކަން އިއުލާނުކޮށްފި އެވެ.

ތާލިބާނުން މިއަދު ނެރުނު ބަޔާނެއްގައި މުއްލާ މުހައްމަދު އަހުތަރު މަންސޫރު މަރާލާފައިވާ ކަމަށް ބުނެފައި ވާއިރު، އެއީ މުއްލާ މުހައްމަދު އަހުތަރު މަންސޫރު މަރާލާފައިވާ ކަމަށް ދެކެވޭ ވާހަކަތަައް އެ ޖަމިއްޔާ އިން ތެދު ކުރި ފުރަތަމަ ފަހަރެވެ.

ތާލިބާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުއްލާ މުހައްމަދު އަހުތަރު މަންސޫރު މަރާލުމާ ގުޅިގެން، އެ ޖަމާއަތުގެ ލީޑަރު ކަމަށް މައުލާވީ ހައިބަތުﷲ އަޚުންދުޒާދާ ހަމަޖައްސާފައިވާ ކަމަށެވެ.

"ސުޕްރީމް ކައުންސިލާއި ކައުންސިލްގެ މެމްބަރުންގެ ތާއީދާއެކު ތާލިބާނުންގެ އާ ލީޑަރު ކަމަށް ހައިބަތުﷲ އަޚުންދުޒާދާ ވަނީ ހަމަޖައްސާފައި،" ބަޔާނުގައިވެ އެވެ.

ތާލިބާނުންގެ ޑެޕިއުޓީ ލީޑަރެއްގެ ގޮތުގައި މިއަދާ ހަމައަށް ހުރި ހައިބަތުﷲ އަޚުންދުޒާދާ އަކީ ދީނީ އިލްމުވެރިއެއްގެ އިތުރުން، ތާލިބާނު ކޯޓުގެ އިސް ފަނޑިޔާރު ކަން ވެސް ކޮށްފައިވާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ޑްރޯން ހަމަލާއަކުން މަންސޫރު މަރާލާފައި ވަނީ އަފްގާނިސްތާނާއި ޕާކިސްތާނާ ގުޅޭ ހުރަސް ރޮނގު ކައިރިންނެވެ. ތާލިބާނުގެ ލީޑަރު ކަމަށް މަންސޫރު ހަމަޖެއްސީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.