25 May 2016, 10:28
ޖަޕާނުގައި ހަރަކާތްތެރިވާ ވަގުންގެ ނެޓްވޯކަކުން، އެ ގައުމުގައި ހުންނަ ސައުތު އެފްރިކަން ބޭންކުގެ އޭޓީއެމް ތަކުން ދެ ގަޑިއިރުގެ ތެރޭގައި 13 މިލިއަން ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ޖަޕާނުގެ ތަހުގީގު ކުރާ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ އެ ވައްކަމުގައި 100 ވަގުން ބައިވެރިވެފައިވާ ކަމަށެވެ.
އަދި އެމީހުން ވައްކަން ކޮށްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު ކަމަށާއި ވައްކަން ކުރުމަށް ފޯޖު ކޮށްފައިވާ 1،600 ކުރެޑިޓް ކާޑު ބޭނުންކޮށްގެން 14،000 ފަހަރެއްގެ މަތިން ފައިސާ ނަގާފައިވާ ކަމަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އޭޓީއެމް އެއް މެދުވެރިކޮށް އެއް ފަހަރާ އެންމެ ގިނަވެގެން ނެގޭނީ 912 ޑޮލަރު ނުވަތަ 100،000 ޔެން އެވެ.
ތަހުގީގު ޓީމުން ބުނީ ސައުތު އެފްރިކަން ބޭންކުން ވަގަށް ނެގި ފައިސާގެ އަދަދު 12.7 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އެއީ 1.4 ބިލިއަން ޔެން އެވެ.
ނަމަވެސް އެ ވައްކަމަށް ފަހު ބޭންކުން 19 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ސައުތު އެފްރިކަން ބެންކުުން ވަނީ ބުނެފަ އެވެ. ޖަޕާނުން ބުނި އަދަދަށް ވުރެ ހަ މިލިއަން ޑޮލަރު އިތުރަށް ގެއްލިފައިވާ ކަމަށް އެ ބޭންކުން ބުނުމުން، އެ ފައިސާތަކަށް ވީގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. (ޑެއިލީ ނިއުސް)