25 May 2016, 10:12
ލ. ކައްދޫ އެއާޕޯޓް ނުވަތަ އިސްކަންދަރު ވައިގެ ބަނދަރަށް ފުރަންދާ ފަތުރުވެރިންގެ އަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލައިފި އެވެ.
ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި އެތަކެތި އިއްޔެ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އެތަކެތި ނައްތާލީ ފޮނަދޫ ޕޮލިސް ސްޓޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އިސްކަންދަރު ވައިގެ ބަނދަރަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ.
އިއްޔެ ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިޔަރުވެސް ހިމެނެ އެވެ.
އެތަކެތީގެ ތެރޭގައި ހިމެނެނީ 30 އިންސިޑެންޓެއްގައި ހިމެނޭ 40 އެވިޑެންސާއި 46 ފުޅި ބަނގުރަލާއި ބިޔަރު އެޅުމަށް ބޭނުންކުރާ ދެ ދަޅެކެވެ.