25 May 2016, 09:55
އެލައިޑް އިންޝުއަރެންސް ކޮންޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސައްހަ ނޫން އިންޝުއަރެންސް ޕޮލިސީތަކެއް ހަދައި އެ ޕޮލިސީތައް ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ނަގަމުންގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މުވައްޒަފު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ކުންފުނީގައި ހަތަރު އަހަރު ވަންދެން ވަޒީފާ އަދާކޮށްފައިވާ އަބްދުލް ބާސިތު ތައުފީގުގެ މައްޗަށެވެ. ބާސިތު އެލައިޑުގެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ އެ ކުންފުނީގެ ލެޓާ ހެޑް ބޭނުންކޮށްގެން އެ ކުންފުނީގެ ހަލް އިންޝުއަރެންސް ޕޮލިސީއެއް ފޯޖު ކޮށްގެންނެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު މި މަހުގެ 18 ވަނަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅައި ބާސިތު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އެލައިޑުން ބުނީ ބާސިތު އޭނާގެ ކުށަށް އިއުތިރާފު ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި މި މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ހޯދުނު ހޯދުމަށް ބަލާއިރު، ސައްހަ ނޫން އިންޝުއަރެންސް ޕޮލިސީތަކެއް ހަދައި އެ ޕޮލިސީތައް ވިއްކައިގެން 128،000 ރުފިޔާ ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.