13 May 2011, 00:16
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުއަތުން އަނބުރާ އަތުލުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް މަޝްހޫރު ގާނުނީ ވަކީލު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ޒައީމް، މައުމޫނަށް ނިސްބަތްވާ ޒެޑްފެކްޝަނުން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން އިންޑިޔާގެ ޖީއެމްއާރަށް ކުއްޔަށްދީފައިވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އަނބުރާ ހޯދަން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން އެކަމާބެހޭ ޑޮކިއުމެންޓްތައް ސިންގަޕޫރުގެ ލޯޔަރުންނާއެކު މިހާރު ހިއްސާ ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ޖީއެމްއާރު އެއާޕޯޓް ދިވެހި ރައްޔިތުންނަށް އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފީމޭ. އަޅުގަނޑު ސިންގަޕޫރުގެ ބައެއް ލޯޔަރުންނާ، އެ ޑޮކިއުމެންޓްތައް ހިއްސާ ކޮށްގެން އެ މަސައްކަތް ދިރާސާ ކުރަމުން އެބަ ގެންދަން. އަޅުގަނޑު އެ އެއާޕޯޓް ދިވެހި ރައްޔިތުންނަށް ހަވާލު ކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްކޮށް އިރާދަ ކުރެއްވިއްޔާ އެ އެއާޕޯޓް ދިވެހި ރައްޔްހިތުންނަށް ހޯދައިދޭނަން،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާއަކީ ސަރުކާރާ ދެކޮޅަށް ވަރަށް ގިނަ ދުސްތޫރީ ބޮޑެތި މައްސަލަތަކެއްގައި ވަކާލާތު ކުރައްވައި ބޮޑެތި ކާމިޔާބީތައް ހޯއްދަވާފައިވާ ގާނޫނީ ވަކީލެކެވެ.
ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަކަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށްދީފައިވަނީ 2010 ވަނަ އަހަރުގަ އެވެ.
އެތަން ކުއްޔަށްދިން މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެއާޕޯޓް އަލުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި އިދިކޮޅު ހުރިހާ ޕާޓީއެއް މީގެ ކުރިން އެއްބަސްވެފައި ވީނަމަވެސް އެކަމާބެހޭ އެއްވެސް ކަމެއް މިހާތަށް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުގެ އެ އަމަލަކީ ސަރުކާރުގެ ހަރު މުދާ ވިއްކާލުން ކަމަށެވެ. އަދި އެކަމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކޮށްފައިވާ ކަމެއްނޫން ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.