އޮސްޓްރޭލިއާގެ ކުޑަ ސަހަރަކަށް އެއްލައްކަ އަށް ވުރެ ގިނަ ވާ ވެރިވެގަނެ، އެ ސަހަރު ކުއްލި ހާލަތަކަށް އައިސްފަ އެވެ.

ނިއު ސައުތް ވޭލްސްގެ ބޭޓްމޭންސް ބޭ ކޮންމެ ސަރަހައްދަކުން އަދި ކޮންމެ ގަހަކުން ވެސް ފެންނަނީ ގްރޭ ހެޑެޑް ފްލައިން ފޮކްސް ނަމަކަށް ކިޔާ ވާ ތަކެކެވެ. ނަމަވެސް އާއްމުންނަށް ބޮޑު ތުރާލަކަށް މިހާރު ވެފައިވާ އެ ވާތަކަކީ ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ އެއްޗަކަށް ވާތީ އެ އެއްޗެހި މެރޭކަށް ވެސް ނެތެވެ.

"އަހަންނަކަށް ކުޑަ ދޮރުތަކެއް ވެސް ހުޅުވައެއް ނުލެވޭ. ހިއްކަން އެއްޗެހި އެޅޭކަށް ވެސް ނެތް. ވާލުގެ އަޑުތަކާ ހެދި އަހަންނަކަށް ކިޔެވޭކަށް ނެތް. މިއީ މަޖާކަމެއް ނޫން،" އެ ސަހަރުގައި ދިރިއުޅޭ ޑެނިއެލް ސުމިތު ބުންޏެވެ.

ފުލައިން ފޮކްސް ޓާސްކް ފޯސްގެ އޮފިސަރު ރުސެލް ސުނައިޑާ ބުނީ، މިއީ މިހާތަނަށް ދިމާވި އެންމެ ބޮޑު މިފަދަ މައްސަލަ ކަމަށާއި މީގެ ކުރިން އެހާ ގިނަ އަދަދެއްގެ ވާ ފެނިފައިނުވާ ކަމަށެވެ.

އެ ޓާސްކްފޯހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވާތައް ވެރިވެ ގަނެގެން އުޅޭ ސަހަރުގެ ރައްޔިތުން ތިބީ އެއްވެސް ބާރެއް ނެތި، އަމިއްލަ ގޭގައި ބަންދުވެ ގައިދީންތަކެއްގެ ގޮތުގައި ކަމަށެވެ.

ޓާސްކްފޯހުން މިހާރު މަސައްކަތްކުރަމުން ދަނީ ދުމާއި އަޑުގަދަ ކުރާ ބޭނުންކޮށްގެން އެ ތަކެތި ފޮނުވާލުމުގެ މަސައްކަތްކުރަމުންނެވެ. އަދި ބައެއް އޮފިޝަލުން ދަނީ ވާތައް މަޑުކޮށްގެން ތިބޭ ގަސްތައް ވެސް ކަނޑަމުންނެވެ.

ނަމަވެސް ޖަނަވާރުގެ ހައްގުތައް ހިމާޔަތްކުރާ ގްރޫޕްތަކުން ބުނަނީ، އެ ވާތައް އަމިއްލަ އަށް އެހެންތަނަކަށް ހިޖުރަކުރަންދެން އެކަމަށް ކެތް ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.

އާއްމުންގެ ކަންބޮޑުވުމާ އެކު އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ވާތައް ފޮނުވާލުމުގެ މަސައްކަތައް ބޭޓްމޭންސް ބޭގެ ލޯކަލް ކައުންސިލަށް 1.8 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމައިފަ އެވެ.

މައުލޫމާތު: ސުކައި ނިއުސް