25 May 2016, 09:45
ފޭސްބުކްގައި ކުރާ ހުރިހާ ކަމެއް ފޭސްބުކްގައި ރިކޯޑު ކުރެވެ އެވެ. ފޭސްބުކްގައި ތިބާގެ މުޅި ތާރީޚު ނުވަތަ މުޅި އާކައިވް ބަލައިލެވެން އޮވެ އެވެ.
އޭގެ ތެރޭގައި، ތިބާ ފޭސްބުކް އެކައުންޓް ހެދި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޕްލޯޑު ކޮށްފައިވާ ފޮޓޯއަކާ، ފްރެންޑްސްވި މީހުންނާ، އަންފްރެންޑް ކުރި މީހުންގެ ލިސްޓު ވެސް ފެންނާނެ އެވެ.
ތިބާގެ ފޭސްބުކްގެ މުޅި އާކައިވް ބަލާލަން ބޭނުން ނަމަ، ހަދާނެ ގޮތަކީ މިއީ އެވެ.
ފޭސްބުކް ވިންޑޯގެ ކަނާތް ފަރާތުން މަތީގައި އިންނަ ސެޓިންގްސް މެނޫއަށް ދާށެވެ. ދެން ޖެނެރަލް އެކައުންޓްސް ސެޓިންގްއަށް ދާށެވެ. މިއީ، ފޭސްބުކް ޕާސްވޯޑާއި ނަން ފަދަ މައުލޫމާތު ޗޭންޖުކުރާ މެނޫ އެވެ. އެ މެނޫގެ ތިރީގައި، "ޑައުންލޯޑް އަ ކޮޕީ އޮފް ޔޯ ފޭސްބުކް ޑޭޓާ" ޖަހާފައިވާ ލިންކެއް އޮންނާނެ އެވެ. މި ސިލެކްޓް ކުރުމުން، އީމެއިލް މެދުވެރިކޮށް ތިބާއަށް ތިބާގެ ފޭސްބުކްގެ މުޅި ހަޔާތުގެ އާކައިވް ލިބޭނެ އެވެ.


މި ޑޭޓާ ތިބާއަށް ލިބެނީ ޒިޕް ފައިލެއްގެ ޒަރިއްޔާއިންނެވެ. ފެންނާނީ ފޯލްޑަރުތަކެކެވެ. ފޭސްބުކްއިން ޑޭޓާތައް އާކައިވްކޮށް، ފޮނުވާފައި ހުންނާނީ ހައިޕަޓެކްސްޓް މާކްއަޕް ލޭންގުއެޖް (އެޗްޓީއެމްއެލް) ވެބްޕޭޖުތަކެއްގެ ގޮތުގަ އެވެ.
މި ވެބްޕޭޖުތައް ބައްލަވައިލައްވާށެވެ. ތިބާގެ ޓައިމްލައިންގެ ތާރީޚާއި، ތިބާ ފޭސްބުކްއަށް އަޕްލޯޑު ކުރިއްޔާ ކޮށްފައިވާ ހުރިހާ ފޮޓޯއަކާއި ވީޑިއޯގެ އިތުރުން، އެ ފޮޓޯ އާއި ވީޑިއޯ ނެގި ތަނާއި، އެ ފޭސްބުކްއަށް އަޕްލޯޑު ކުރި ޑިވައިސްގެ އައިޕީ އެޑްރެހަށް ދާންދެން އެނގޭނެ އެވެ.
މީގެ އިތުރުން، ފޭސްބުކްއިން ފެންނަ އިޝްތިހާރުތަކުގެ ތެރެއިން، ތިބާ ޝައުގުވެރިވާ ކަމަށް ފޭސްބުކްއިން ފެނި، ތިބާގެ ނިއުސް ފީޑުން ދައްކާފައިވާ އެޑްތަކާއި، ތިބާ ކްލިކު ކޮށްފައިވާ އެޑްތަކުގެ ތާރީޚު ވެސް މި އާކައިވްއިން ފެންނާނެ އެވެ.
ފޭސްބުކްއިން ޕޯކް ކުރުމަކީ، މާނައެއް ނެތް ނަމަވެސް ބައެއް މީހުންނަށް މަޖާ ކަމެކެވެ. ފޭސްބުކް އެކައުންޓް އުފެއްދީއްސުރެ، މިއަދާ ހަމައަށް ޕޯކް ކޮށްފައިވާ މީހުންގެ ލިސްޓާއި އެ ޕޯކްގެ މައުލޫމާތު ވެސް މި ޑޭޓާއިން ލިބެ އެވެ. އަދި ތިބާ ފޭސްބުކްއިން ފްރެންޑްސްވި މީހުންނާއި، އަންފްރެންޑް ކުރި މީހުން ވެސް މީގެން ފެނިގެން ދާނެ އެވެ.