25 May 2016, 12:52
ކިޔަވައިދިނުމުގެ ހުނަރު ދަސްކުރުމުގެ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިންތަކެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މެލޭޝިއާއަށް ފުރައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މެލޭޝިއާގައި މިހާރު ކުރިއަށްދާ ޓުއާގައި ރާއްޖޭގެ ހަތް ސަރަހައްދެއްގެ ސްކޫލްތަކުން 20 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ. ދިހަ ދުވަހުގެ މުއްދަތަށް މެލޭޝިއާއަށް ދިޔަ އެ ބައިވެރިން މެލޭޝިއާއަށް ފުރާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މެލޭޝިއާއަށް ދިޔަ ގުރޫޕުގައި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަދި ރ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި މާލޭގެ ބައެއް ސްކޫލްތަކުގެ އިސްވެރިން ބައިވެރިވާއިރު، އެ ބޭފުޅުން މެލޭޝިއާގެ ޔުނިޓާ ޔުނިވާސިޓީގެ އިތުރުން ހަތަރު ސްކޫލަކަށް ޒިޔާރަތްކޮށް ތަޖުރިބާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ ސްޓަޑީ ޓުއާގައި ބައިވެރިވާ ސްކޫލްތަކުގެ އިސްވެރިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ
މިއީ ސްކޫލްތަކުގެ އިސްވެރިން މެލޭޝިއާގައި ސްޓަޑީ ޓުއާއަށް ފޮނުވި ތިން ވަނަ ފަހަރެވެ. އެގޮތުން ފުރަތަމަ ބުރުގައި ބ. އަތޮޅުންނާއި ކ. އަތޮޅުން ނުވަ ބައިވެރިން މެލޭޝިއާގައި 10 ދުވަސް ހޭދަކޮށް، މެލޭޝިއާގެ މަޝްހޫރު އޯޕަން ޔުނިވާސިޓީގެ އިތުރުން އެގައުމުގެ އިތުރު ހަ ސްކޫލަކަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.
ދެ ވަނަ ބުރުގައި ގދ. އަތޮޅުންނާއި ނ. އަތޮޅުން 20 ބައިވެރިން މެލޭޝިއާއަށް ގޮސްފައިވާއިރު، އެ ދަތުރުގައި ވެސް އޯޕަން ޔުނިވާސިޓީގެ އިތުރުން މެލޭޗިއާގެ ހައި ޕާފޯމިން ދެ ޕްރައިމަރީ ސްކޫލަކަށާއި ސެކަންޑަރީ ސްކޫލަކަށް ޒިޔާރަތްކޮށްފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ރަމަޟާން މަހަށްފަހު އިތުރު ދެ ސްޓަޑީ ޓުއާއަކަށް ސްކޫލްތަކުގެ އިސްވެރިން ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.