ގުއާންޒޫ (މޭ 25) : އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެންފި އެވެ.

މިއީ ފާއިތުވި ހަ އަހަރުތެރޭގައި އިންޑިއާގެ ރައީސަކު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އިންޑިއާގެ ރައީސަކު ޗައިނާ އަށް ވަޑައިގެންފައި ވަނީ 2010 ވަނަ އަހަރު އޭރުގެ އިންޑިއާގެ ރައީސް ޕްރަތީމާ ޕަޓޭލް އެވެ. އޭރު ޗައިނާގެ ރައީސަކީ ހޫޖިންޓާއޮ އެވެ. ޗައިނާގެ ރައީސް ޝީޖިންޕިންގެ ދައުވަތަކަށް ޕްރަނާބް މުކަރްޖީ ކުރައްވައި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ޗައިނާގައި ސިނާއީގޮތުން ވަރަށްބޮޑަށް ކުރިއަރާފައިވާ ރަށެއްކަމަށްވާ ގުއާންޒޫ އަށެވެ. މިއީ އިންޑިއާއާ ވެސް އަދި ދުނިޔޭގެ އެހެންގައުމުތަކާ އެކު ވެސް ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑު ސިޓީއެކެވެ.

މުކަރްޖީގެ މިދަތުރުފުޅުގައި ޗައިނާގެ ރައީސާ އެކު ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކާ އަދި ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. ދެރައީސުންގެ މަޝްވަރާތަކުގައި، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތައް ރަނގަނޅުކޮށް އެ ދެ ގައުމުގެ ދެމެދުގައި އިތުބާރު އުފެއްދުމަށް ޗައިނާގެ ރައީސް އިންޑިއާގެ ރައީސަށް ބާރުއަޅުއްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޕާކިސްތާނަކީ ޗައިނާއާ ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކޮށްފައިވާ އަދި ޕާކިސްތާނަށް ބޮޑެތި އެހީތަކެއްވެދޭ އަދި ޕާކިސްތާނުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. ޗައިނާގެ ފަންނީއެހީއާ އެކު ޕާކިސްތާނުން ވަނީ ހަތިޔާރުގެ ޓެކްނޮލޮޖީ ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. މީގެ ތެރޭގައި ފައިޓަޖެޓާއި ބެލަސްޓިކް މިސައިލާއި ޓޭންކާއި އެނޫން ވެސް ބަރުހަތިޔާރު ހިމެނެ އެވެ.

މުކަރްޖީގެ ދަތުރުފުޅުގައި އިންޑިޔާގެ މަތީފެންވަރުގެ ވަފްދެއް ވެސް ބައިވެރިވެ އެވެ. މުރަކްޖީ އާއި އޭނާގެ ވަފްދުގެ ބޭފުޅުން ޗައިނާގެ ރައީސް ޝީޖިންޕިންގެ އިތުރުން ބޮޑުވަޒީރު ލީ ކިޗިޔާންގް އާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުކަރްޖީ އާއި އޭނާގެ ވަފްދު ޗައިނާގެ މުހިއްމު ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާއާއި ޗައިނާއަކީ އޭޝިޔާގެ އެންމެ ބޮޑު އަސްކަރީ ދެ ބާރެވެ. އަދި ދުނިޔޭގައި އެންމެ އާބާދީބޮޑު ދެގައުމަކީ ވެސް އިންޑިއާ އާއި ޗައިނާ އެވެ. މިދެގައުމަކީ ވަރަށް ވާދެވެރި އެހެންނަމަވެސް އެއްގައުމު އަނެއް ގައުމަށް ދޫދީގެން އުޅޭ ދެގައުމެވެ. ނަމަވެސް ޓެކްނޮލޮޖީ އާއި ތަރައްގީގެ ގިނަ ދާއިރާތަކުގައި އިންޑިއާ އުޅެނީ ޗައިނާއަށް ވުރެ އެތައް ގުނައެއް ފަހަތުގަ އެވެ. (ނޫސްއެޖެންސީތައް)