ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވެއްޖެ އެވެ.

ކުޅިވަރުގެ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި އަމިއްލަ ގެކޮޅުގަ އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.

ޒާހިރު ނަސީރަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ނާޝީދު "ސަން"އަށް މިއަދު ވިދާޅުވީ ބޭބެ އާލާސްކަންފުޅާ އުޅުއްވާތާ ހަތަރު މަހެއްހާ ދުވަސް ވެދާނެ ކަމަށާއި ބޭބެގެ ހަރަކާތް ހުއްޓިގެން ފަތިހު ހޮސްޕިޓަލަށް ގެންދިޔަ އިރު އަވަހާރަވެފައިވާ ކަަމަށެވެ.

އަވަހާރަވި އިރު ޒާހިރު ނަސީރު ކައިވެންޏެއް ބައްލަވައިގެންފައެއް ނުވެ އެވެ.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 2011 ވަނަ އަހަރު ލިބިވަޑައިގެންނެވި ޒާހިރު ނަސީރަށް ވަނީ ނޫސްވެރިކަމުގެ ގައުމީ ޝަރަފު ލިބިވަޑައިގެންފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ޝަރަފު އެމަނިކުފާނަށް އެރުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިންނެވެ.

ޒާހިރުގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ މިސްކިތުގަ އެވެ.