ރާއްޖޭގެ ސިއްހީ ދާއިރާގައި 40 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަލީ ސަލީމް ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެންޓަލް ޑިޕާޓްމަންޓްގައި ޑެންޓަލް ހައިޖެނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ސަލީމް ނިޔާވީ، ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނާގެ ގޭގައި ހުންނަވަނިކޮށް ހާޓްއެޓެކެއް ޖެހިގެން ކަމަށް އޭނާއާ އެކު އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ބައެއް ޑޮކްޓަރުން ވަނީ ސަން އަށް ވިދާޅުވެފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސަލީމް، އޭނާގެ ގޭގައި ހުންނަވަނިކޮށް ކުއްލިއަކަށް މެއަށް ތަދެއް އެރުމަށް ފަހު ވެއްޓުނީ ކަމަށްވެ އެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ ނިޔާވެފައި ކަމަށް އޭނާގެ ގާތް ފަރާތަކުން މައުލޫމާތު ދެއްވި އެވެ.

ދަތުގެ ފަރުވާ އަށް ހާސް ބޭފުޅެއް ކަމަށްވާ އަލީ ސަލީމް ނިޔާވި އިރު އޭނާ ވަނީ މި ދާއިރާގައި 40 އަހަރާއި 8 މަހާއި 28 ދުވަހު މަސައްކަތްކުރައްވައިފައެވެ. މާލޭ ސެންޓްރަލް ހޮސްޕިޓަލްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވުމަށް ފަހު، އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ 20 އަހަރާ 8 މަހާ 23 ދުވަހު މަސައްކަތްކުރައްވައިފައެވެ.

ސަލީމް ނިޔާވުމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަރްހޫމް އަލީ ސަލީމް ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުން އެއީ އެ ހޮސްޕިޓަލަަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"އަލް މަރްހޫމް އަލީ ސަލީމަކީ ދަތުގެ ފަރުވާ ދެއްވުމުގައި ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވާ، މީހުންނާ ގުޅޭ ބޭފުޅެކެވެ. ... މި ހިތާމަވެރި ދަނޑިވަޅުގައި އަލީ ސަލީމްގެ އާއިލާއަށާއި ގާތް ތިމާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވައި މަރްހޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާކުރަމެވެ." ." އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.