މުހައްމަދު ޝިހާމް، 25، އޭނާގެ ލޯބިވެރިޔާއާ ގުޅިގެން އުޅޭތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިންތިހާއަށް ލޯބިން ފެށި އެ ދަތުރު ކައިވެންޏަކަށް ބަދަލުކޮށްލަން އޭނާ އާއި ލޯބިވެރިޔާ ކިތަންމެހާ ވެސް ބޭނުމެވެ. މައިންބަފައިންގެ އެދުމަކީ ވެސް އެއީ އެވެ. މުޅި އާއިލާ އާއި މުޅި ދުނިޔެ އެ ލޯތްބަށް މަރުހަބާ ކިޔަމުންދިޔަ ނަމަވެސް އެކަމަށް ހުރަސްއަޅާ ކަމެއް އެބައޮތެވެ. އެއީ މާލެ ނޫންތަނެއްގައި އުޅެވެން ނެތްއިރު މާލޭގެ ގޭ ކުއްޔެވެ.

ޝިހާމް ބުނާ ގޮތުގައި އޭނާ އާއި އޭނާގެ ލޯބިވެރިޔާގެ މުސާރަ އެއްކޮށްލުމުން މަހަކު ލިބެނީ 18،000 ވަރަކަށް ރުފިޔާ އެވެ. މިހާރު އުޅޭ ގެޔަށް ކުލި ދައްކާފައި މާކަބޮޑު އެއްޗެއް ފޮރުވިފައެއްނެތެވެ. ދެން އޮތީ ކައިވެނީގެ ވާހަކަ އެވެ. ކައިވެންޏާ އެކު ވަލީމާއަށް ވެސް ހަރަދު ކުރަންޖެހެ އެވެ. އެއާއެކު ދެން އޮތް އެންމެ ބޮޑުކަމަކީ އުޅޭނެ ތަނެކެވެ. ދެމަފިރިން އެކަނި އުޅެން ބަލާ ނަމަ އެއްކޮޓަރި ކައްކާކެވޭ ގޮތަށް އެންމެ ދަށްކޮށް ވެސް ލިބެނީ ގާތްގަނޑަކަށް 10،000 ރުފިޔާކަމަށްވާ އިރު މަދުވެގެން 20000 ރުފިޔާ އެޑްވާންސް އެއް ދައްކަން ޖެހުމަކީ އެކައިވެނި ކުރަން ދިމާވެފައިވާ އެންމެ ބޮޑު ދައްޗެވެ.

ތޮއްޖެހިފައިވާ މާލެ ސިޓީގެ މަންޒަރެއް -- ސަން ފޮޓޯ/މާހިލް މުހައްމަދު

"މިޒަމާނުގެ ގޮތުން ޕާޓީއެއް ބާއްވަންޖެހޭނެ ދޯ، އެއީ އެންމެ މަދުވެގެން 30،000 ރުފިޔާ، ދެން އުޅޭނެ ތަނަކަށް ބަލާއިރު އެތައް ހާސް ރުފިޔާއެއް އެޑްވާންސް އެއް ދޭންޖެހޭ، މިވަރުން ކިހިނެއް މީހަކާ އިންނަނީ، ދެން އެންމެން ބުނާނެ ފައިސާ ފޮރުވާށޭ، މިހާރު ވެސް ގޭ ކުލި ދައްކާފައި ފޮރުވާނެ އެއްޗެއް ނޯވޭ،" ޝިހާމް ބުންޏެވެ.

މިއީ އެތައް ޒުވާނެއްގެ ހާލެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރުތަކެއްވެ އެ ލޯބި ކައިވެންޏަށް ބަދަލުކުރަން ކިތަންމެ ބޭނުން ވިޔަސް އެކަން ވާން ނޯންނަނީ ދިރިއުޅެން މަޖުބޫރުވެފައިވާ މާލޭގެ ގެތަކުގެ ކުލިބޮޑުކަމުންނެވެ. މިކަމަށް ނިމުމެއް ގެނައުމަކީ ޒުވާނުންގެ އެންމެ ބޮޑު އެދުމެވެ.

މާލޭގެ ތަންތަނުގެ ކުއްޔަށް ބަލާއިރު އެއްކޮޓަރި އެޕާޓްމެންޓެއް އާންމުކޮށް އުޅެނީ މަހަކު 7000 ރުފިޔާ އާއި 12000 ރުފިޔާއާ ދޭތެރޭ ކުއްޔަކަށެވެ. ދެ ކޮޓަރި އެޕާޓްމަންޓްތައް އުޅެނީ 15000 ރުފިޔާ އާއި 20000 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގަ އެވެ. އަދި ތިން ރޫމް އެޕާޓްމަންޓްތައް އާންމުކޮށް އުޅެނީ 25000 ރުފިޔާ އިން މަތީ އަގުތަކެއްގަ އެވެ. އެއާއެކު ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލީގެ ފައިސާ އެއްފަހަރާ އެޑްވާންސްގެ ގޮތުގައި ދޭންޖެހެ އެވެ. މިއީ ގިނަ ޒުވާނުންނަށް އުފުލޭވަރުގެ ބުރައަކަށްނުވެ އެވެ.

މިކަމުގެ ސަބަބުން އިޖްތުތިމާއި މައްސަލައެއް!

މާތްވެގެންވާ އިސްލާމްދީނުގައި ވެސް ޒުވާން އުމުރުގައި ކައިވެނި ކުރުމަށް ވަނީ ބާރު އަޅައިފަ އެވެ. ސަބަބުތައް ބައިވަރެވެ. އެކަން މިރާއްޖޭގައި ތަންފީޒު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންމިދަނީ އިޖުތިމާއީ އެތައް މައްސަލައެއް ކުރިމަތިވުމެވެ. ޒުވާން އުމުރުގައި ކައިވެނީގެ ބޭރުން އިތްފަތްތެރިކަން ދޫކޮށްލުން އިންތިހާއަށް އާންމެވެ. ލަދެއް ބިރެއްނެތި ޖިންސީ ގުޅުންތައް ހިންގަނީއެވެ.

ޕާކްތެރޭގައި ދެ މީހަކު ގައިގޯޅިވެގެން:

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ސިއްހީ ދުޅަހެޔޮކަމާއި ދިރިއުޅުމާ ގުޅޭ ގޮތުން 1،200 އަށް ވުރެ ގިނަ ޒުވާނުން ހިމަނައިގެން ހެދި ސާވޭއަކުން ދައްކާ ގޮތުގައި އުމުރުން 18 އާއި 21 އަހަރުގެ ދިވެހި ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން ވަނީ ރުހުމާ އެކު ޖިންސީ ގުޅުން ހިންގައިފަ އެވެ. އެހެންކަމުން މިކަމުން ވެސް ދިވެހި ޒުވާނުން އަވަހަށް ކައިވެނިކުރަން ޖެހޭކަން ހާމަވެ އެވެ.

ޖަމިއްޔަތުއް ސަލަފުގެ ނައިބު ރައީސް ޝެއިހް ޙަސަން މޫސާ ފިކުރީ ވިދާޅުވީ، ޖިންސީ އެދުންވެރިކަމަށް ކެތްނުވާ ފަރާތްތަކަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ވަނީ އަވަހަށް ކައިވެނި ކުރުން ކަމަށެވެ. އެހެންކަމުން ޅައުމުރުގައި ކައިވެނި ކުރުމުގެ ފުރުސަތުތައް ހޯދައިދެވޭ ނަމަ މިފަދަ މައްސަލަތައް މަދުވާނެކަން ޔަގީނެވެ.

ކައިވެނިތައް ރޫޅެން ދިމާވާ ސަބަބަކަށް ވެސް ގެދޮރުގެ މައްސަލަ!

ކައިވެނިތައް މިކުރަނީ ދިރިއުޅުމަށް ބޮޑެތި އުންމީދުތަކަކާއެކު އެވެ. ބޮޑެތި ރޭވުންތަކެއްގައި ހަގީގީ ކުލަ ޖެއްސުމުގެ ބޭނުމުގަ އެވެ. އެހެންކަމުން އެދެމަފިރިންނަށް މިނިވަން މާހައުލެއް ލިބުމަކީ އެކަންކަން ކާމިޔާބު ކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. ނަމަވެސް އެމިނިވަން މާހައުލު ހޯދަން ކުރަންޖެހޭ ހަރަދު މިވަނީ ބުރައަކަށްވެފަ އެވެ.

މާލޭގެ ގެދޮރުގެ އަގުތަކަށް ބަލާއިރު ގިނަ މީހުން ދިރިއުޅެންޖެހިފައި މި ވަނީ އެއް އާއިލާއަށް ވުރެ ގިނަ އާއިލާ އެއް އެޕާޓްމެންޓެއްގެ ތެރޭގަ އެވެ. އެހެން އުޅުމުގެ ތެރެއިން ދިމާވާ ކުދިކުދި މައްސަލަތަކަށް ގިނަ ދުވަސްވެ ކައިވެނިތަކަށް މިވަނީ ބުރޫއަރަން ފަށާފަ އެވެ.

ގެއެއްގެ ތެރޭގައި ކުޑަކުދިންތަކެއް ހަރަކާތްތެރިވަނީ-- ފޮޓޯ: އަޝްވާ ފަހީމް

"ފުރަތަމަ އެހެން ޖެހޭ މައްސަލަތަކަށް އެހެން އަޅާނުލައި އުޅެވިދާނެ، އެކަމަކު ދަރިން ލިބި އެ ކުދިން އެއްކުޖަކު އަނެއް ކުއްޖަކާ ޖެހޭ މައްސަލާގައި ގިނަ ފަހަރަށް އޮންނަނީ އަންޑަސްޓޭންޑް ނުވެފައި." ހިތި ތަޖުރިބާ ހިއްސާ ކުރަމުން 29 އަހަރުގެ އަންހެނަކު ބުންޏެވެ.

މައިދައިތަޔާއި ގޭގައި އުޅޭ އެހެން ފަރާތްތަކާ ޖެހޭ އެފަދަ މައްސަލަތަކުގެ ސަބަބުން އެތައް ކައިވެންޏެއް ރޫޅި އަނެއް ބައި ކައިވެނިތައް މިވަނީ ރޫޅުމުގެ މަގުމަތީގަ އެވެ. އެހެންކަމުން އުފާވެރި ކައިވެނިތަކަކަށް ދެމަފިރިން އެކުގައި ހިތްހަމަޖެހިގެން އުޅެވޭނެ ގޮތްތަކެއް ހޯދައިދޭންޖެހެ އެވެ.

ދެމަފިރިންނަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ކުއްޔަށް ހަރަދުކޮށްފައި ދަރިޔަކު ލިބެންވާއިރަށް ނުވަތަ ދިރިއުޅުމުގެ އެހެނިހެން ބޮޑެތި ހަރަދުތައް ކުރަން އަތުގައި ފައިސާ ނެތިގެން އުފެދޭ ހިތްހަމަނުޖެހުންތަކަކީ ވެސް ކައިވެނިތައް ރޫޅެން ދިމާވާ ސަބަބުތަކެވެ.

ސަރުކާރުގެ ވިސްނުމަކީ ޒުވާނުން ގެދޮރުވެރިކުރުން!

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އަލަތު ކައިވެންޔާ އެކު ފުލެޓު ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން ވިދާޅުވި ގޮތުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކި ސަރަހައްދުގައި އަޅަން ހަވާލުކޮށްފައިވާ 15،000 ހައުސިން ޔުނިޓުގެ މައިގަނޑު އަމާޒަކީ ކައިވެނިކުރާ ޒުވާނުން ގެދޮރުވެރިކުރުން ކަމަށެވެ.

"މިކަންކަން ފެށިގެން ދިޔައީމަ މިއީ ޒުވާނުންނަށް އޮންނާނެ ފުރުސަތުތައް،" ފަޒާލް ވިދާޅުވި އެވެ.

މާލެ، ހުޅުލެ އަދި ހުޅުމާލެ --

ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި އެ ފުލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ.

ހަމައެއާ އެކު މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ފަހުން އިފްތިތާހުކުރި ގެދޮރުވެރިކުރުމުގެ ޕުރޮގުރާމުގައި ވެސް އިސްކަންދެނީ 18 އަހަރާއި 35 އަހަރުގެ ޒުވާނުން ގެދޮރުވެރި ކުރުން ކަމަށް ފަޒާލު ވިދާޅުވި އެވެ.

މިސަރުކާރުން ބުނަނީ މިއީ ޒުވާނުންގެ ސަރުކާރެއް ކަމަށެވެ. އެހެންކަމަށްވާ ނަމަ އެންމެ ފުރަތަމަ ކަމަކަށް ގެދޮރުވެރިބަޔަކަށް ޒުވާނުން ހަދާށެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާއި ކައިވެނި ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭށެވެ. އެކަމަށް ވެވޭނެ އެންމެ ބޮޑުއެހީއަކީ ކުޑަ އަގެއްގައި ބޯހިޔާވަހިކަން ޔަގީންކޮށްދިނުމެވެ.