އިސްލާމްއާބާދު : އެމެރިކާއިން މަރާލި ކަމަށް ބުނާ އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިންލާދިން ގެ "ހުވަފަތްވެފައިވާ" ތިން އަނބިންނާ ސުވާލުކުރުމަށް އެެމެރިކާ ބޭނުންވާއިރު އެކަމުގައި އެމީހުން އެމެރިކާއަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ނެތްކަމަށް ޚަބަރުލިބެ އެވެ.

ޕާކިސްތާނުގައި ޝާއިޢުކުރެވުނު މީޑިޔާ ރިޕޯޓެއް ބުނާގޮތުން އުސާމާގެ ތިން އަނބިންނާ ސުވާލުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕާކިސްތާނުގެ ކިބައިން އެމެރިކާ ބޭނުންވާއިރު މިކަމާމެދު ޕާކިސްތާނުން ގޮތެއް ނުނިންމައި ލަސްކުރުމުގެ އެއްސަބަބަކީ މިކަމުގައި މިތިން އަންހެނުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ.

ހަނުހުރުމުގެ ޙައްޤަކީ އިންސާނީ ޙައްޤަކަށްވާއިރު އުސާމާގެ ތިންއަނބިން އެއްބާރުލުން ނުދީފިނަމަ މިކަމަށް ދަތިތަކަކާއި ހުރަސްތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް މަރާލާފައިވާ ކަމަށް އެމެރިކާ ބުނާ އުސާމާގެ އަނބިންނާ ސުވާލުކުރުމުގެ ފުރްސަތު ހޯދައިދިނުމަށް އެމެރިކާއިން ރަސމީގޮތެއްގައި ޕާކިސްތާނުގެ ކިބައިން އަދި އެދިފައިނުވާ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އަނެއްކޮޅުން އުސާމާ މަރާލި ކަމަށް އެމެރިކާ ބުނާއިރު މައްސަލާގައި އެމެރިކާވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކާ ވަރަށް ބޮޑަށް ޚިލާފް ވެފައި ކަމަށް ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން ބުނެއެވެ.
ހުއްދައަކާ ނުލައި ޕާކިސްތާނުގެ ސަރަހައްދަށް ވަދެ ޢަސްކަރީ އޮޕަރޭޝަނެއް ހިންގައި އަނިޔާވެރިގޮތަކަށް ހަތިޔާރުނެތް ބަޔަކު މަރާލި މައްސަލާގައި އެެމެރިކާގެ މައްޗަށްވަނީ ޤާނޫނާ ޚިލާފްވެ މިނިވަން ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ޖަރީމާ ހިންގިކަމުގެ ތުހުމަތު ކުރެވިފައެވެ. މިމައްސަލާގައި، ޕާކިސްތާނާއި އެމެރިކާއާ ދެމެދުވަނީ ގުޅުންތައް ގޯސްވެފައެވެ. އުސާމާގެ ތިން އަނބިން ތިބިއިރު އޭގެ ތެރެއިން ދެމީހުންނަކީ ސަޢުދީ އަރަބިޔާގެ ދެމީހުންނެވެ. އަނެއް މީހާއަކީ ޔަމަނުގެ މީހެކެވެ.

އެމެރިކާއަށް އެއްބާރުލުން ނުދިންނަމަވެސް މިތިންމީހުންވެސް ޕާކިސްތާނަށް އެއްބާރުލުން ދީފާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އުސާމާ މަރާލުމަށް ކަމަށްބުނެ ޕާކިސްތާނުގެ އަބޫތް އާބާދުގައި އެމެރިކާ ހިންގި ޢަސްކަރީ އޮޕަރޭޝަނާ ބެހޭގޮތުން މިހާތަނަށް އެމެރިކާ ނެރެފައިވާ ތިން ބަޔާންވެސް އެއްބަޔާން އަނެއް ބަޔާނަކާ ދިމައެއް ނުވެއެވެ.
އުސާމާ މަރާލި ކަމަށްބުނެ އެމެރިކާ ދައްކާވާހަކަތަކަށް ތާއީދުކޮށް އޭނާ މަރުވެއްޖެ ކަމާއި އެކަމުގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމުގެ އިންޒާރާއެކު އަލްޤާޢިދާގެ ނަމުގައި ނެރެފައިވާ ބަޔާނުގެ ޙަޤީޤަތާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ.

އަލްޤާޢިދާގެ ނަމުގައި އިންޓަރނެޓްގައި ޝާއިޢުކުރެވޭ ގިނަ ބަޔާންތަކުގެ ފަހަތުގައި އެމެރިކާގެ ޖާސޫސީ އިދާރާ ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އުސާމާގެ މަރާބެހޭގޮތުން އުފެދިފައިވާ ޝައްކުތައް ފިލުވާލުމަށް ބޭނުންވާ އެއްވެސް ހެއްކެތް ދަލީލެއް އަދި ޙުއްޖަތެއް އެމެރިކާ އަށްވަނީ ނުދެއްކިފަ އެވެ.
އަލްޤާޢިދާއާއި އުސާމާ ބިންލާދިންގެ ނަން ބޭނުންކޮށްގެން އެމެރިކާ އެޤައުމުގެ އަމިއްލަ ރައްޔިތުންނާއި ދުނިޔޭގެ ޤައުމުތައް ބިރުގެންނަވައިގެން ސިޔާސީ އަދި އިސްތިޢްމާރީ ނުބައި މަޤްސަދްތަކެއް ޙާސިލްކުރަމުން ގެންދާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފައެވެ. -- ނޫސްއެޖެންސީތައް /ޖަވާދު