24 May 2016, 22:23
މެލޭޝިއާ ސުޕަލީގުގެ ޕީޑީއާރުއެމް އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ޕީޑީއާރުއެމުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.
ދަގަނޑޭގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، ޕީޑީއާރުއެމްއާ އެކު މަޝްވަރާކުރުމަށް ފަހު ދެފަރާތުގެ ރުހުމާއެކު ޕީޑީއާރުއެމް އާއެކު ހަދާފައިވާ އެއްބަސްވުން މިއަދު އުވާލާފައިވާކަމަށާއި ކުރިމަގާ މެދު ގޮތެއް ނިންމާނީ އަނިޔާ އިން ރަނގަޅު ވުމަށް ފަހު ކަމަށެވެ.
އަނިޔާގެ ސަބަބުން ކޮންޓްރެކްޓް އުވާލީކަމަށް ދަނގަޑޭ ބުނެފައި ވާއިރު، އެންމެ ފަހުން ޕީޑީއާރުއެމް މެލޭޝީއާގެ ސުޕަރ ލީގުގައި މި ދިޔަ ހޮނިހިރު ދުވަހު ކެޑާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނިކުމެ އޭނާ ވަނީ އެ މެޗުގެ 90 މިނެޓް ހަމަކޮށްފައެވެ. ނަމަވެސް ދަގަނޑޭއަށް އަނިޔާވެފައި ވަނީ ކޮން އިރެއްގައި ކަމެއް އޭނާ ބުނެފައެއް ނުވެއެވެ.
ދަގަނޑޭ ބުނެފައިވަނީ، އަނިޔާ އިން މުޅިން ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށާއި ވޭތުވެދިޔަ ދުވަސް ތަކުގައި ޕީޑީއާރުއެމްގެ މެނޭޖުމަންޓާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ ފުރަތަމަ ގައުމުން ބޭރު ކުލަބަކާ އެކު އެއްބަސްމުމެއް ހަދައިގެން ފުޓްބޯޅަ ކުޅުމުގެ ޝަރަފު ހޯދި ދަގަނޑޭ ޕީޑީއާރުއެމްއާ ގުޅުނީ 2014 ވަަނަ އަހަރުއެވެ. އަދި އެއަހަރު އޭނާ ވަނީ މެލޭޝިއާ ލީގްގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ވެސް ހޯދާފައެވެ.
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް ފަސް ފަހަރު ހޯދައި އެންމެ ގިނަ ގޯލްޖެހައިގެން ހަ ފަހަރު ރަން ބޫޓް ހޯދާފައިވާ ދަގަނޑޭ އަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަން ގިނަ ބަޔަކު ގަބޫލްކުރެ އެވެ. އެގޮތުން ދެކުނެ އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގައި 18 ލަނޑު ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާގެ ޝަރަފް ވެސް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގަަށެވެ.